ދިވެހި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ނެރުނު "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު" ގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދަށް މިހާރުން މިހާރަށް ބޮޑު ނުރައްކަލެއް ނެތެވެ. ނަމަވެސް ދއުލަތުގެ ހަރަދުތައް ހުރީ އިންތިހާ އަށް މަތީގައި ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުގެ ތިންބައިކުޅައެއްބައި މުވައްޒަފުންގެ މުސާރަ އަށް ހޭދަކުރަންޖެހެއެވެ. މިނިމަމް ވޭޖާއި މުސާރަ އެއް ހަމައަކަށް ގެނައުމަށް ކުރާ މަސައްކަތުގެ ސަބަބުން ކުރިމަގުގައި މުސާރަ އަށް މިހާރަށް ވުރެ ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް އެ ރިވިއުގައިވެ އެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން އިތުރުވެ، ޕެންޝަންގެ ގޮތުގައި ހޭދަކުރަން ޖެހޭ ވަރު ވެސް އިތުރުވާނެ ކަމަށް އެ ރިވިއުގައިވެއެވެ.

ކޮވިޑްގެ ކުރިން ވެސް ދައުލަތުގެ ހަރަދުތައް ހުރީ މެނޭޖް ކުރަން ވެސް އުނދަގޫވާ ވަރަށް ކަމަށާއި ދައުލަތުގެ ހަރަދާއި އާމްދަނީގެ ބޮޑު ފަރަގެއް ހުރުމުން އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ރިވިއުގައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖެ އިން 2014 އިން 2019 ވަނަ އަހަރާ ހަމައަށް ހަރަދުތައް ކުރަމުން އައި ވަރު ގައުމުގެ އުފެއްދުންތެރިކަން ކުރިއަރަމުން އައި ވަރަށް ވުރެ ދެގުނަ އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެއް އަހަރުން އަނެއް އަހަރުގެ ބަޖެޓު ޑެފިސިޓް ބޮޑުވެ، ދަރަނި ހޯދަން ޖެހުނު ކަމަށް ވޯލްޑް ބޭންކުގެ ރިވިއުގައިވެ އެވެ.