ގދ. މަޑަވެއްޔާއި އެއަތޮޅު ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި، މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން އާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން، އަދި ކޯޒްވޭމަތިން، ހެވީ ވެހިކަލަށް ވެސް، ދަތުރުކުރެވޭ ފެންވަރަށް، މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލައިލާނެ އެވެ. އޭގެ ސަބަބުން، ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހަތަކެއް، ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޯޒްވޭ މިހާރު ޕްލޭން ކުރެވިފައިވާ، މުއްދަތުގެ ތެރޭގައި ނިންމައި، ރައްޔިތުންނަށް ހިދުމަތް ލިބެން ފަށާ އިރު، މިހާރު ތަޖުރިބާ ކުރާ، ރަށް ގިރުމުގެ މައްސަލައަށް ވެސް، ހައްލު ލިބޭނެ ކަމަށެވެ.

މި ކޯޒްވޭން ގުޅާލެވެނީ ޖުމްލަ 4 ރަށެވެ. އޭގެތެރޭގައި ހޯޑެއްދުއާއި މަޑަވެއްޔާ ދޭތެރޭގައި އޮތް "ކަންނިގިލާ" އާއި، "ހާދޫ" ވެސް ހިމެނެ އެވެ. އެ ދެ ރަށަކީ، އިގްތިސޯދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ވާތީ، މި ކޯޒްވޭ ވެގެންދާނީ، މަޑަވެއްޔަށް ވެސް އަދި ހޯޑެއްދޫއަށް ވެސް ދިރުން ގެނުވާނެ ކޯޒްވޭ އެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޒަމާނީ ކޯޒްވޭން، މި ދެ ރަށް ގުޅާލުމުން، ފަތުރުވެރިކަމަށް ވެސް، އާ ދިރުމެއް ލިބި، އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް މި ދެ ރަށަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން ހިމެނެއެވެ. މީގެ އިތުރުން ރެއިލިން އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.