ސ. ހިތަދޫ ޕޯޓަށް ގެނައި އައު ކެރޭނާއެކު މުދާ ބޭލުމުގެ މަސައްކަތް ތިން ގުނަ ހަލުވި ވެގެންދާނެ ކަމަށް ހިތަދޫ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްއިން ދަށުން ހިނގާ މި ބަނދަރުގެ މަސައްކަތް ހަރުދަނާކޮށް އަވަސްކުރުމަށް އެކި ގޮތްގޮތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ގެނައި ޒޫމްލަޔަން 150 ޓަނުގެ ކްރޭން ކޮމިޝަންކޮށް މަސައްކަތައް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި ކްރޭންގެ ސަބަބުން އައްޑޫގެ ސަރަހައްދީ ބަނދަރުގެ ޙިދުމަތް އިތުރަށް ރައްކާތެރިވެ، ކާގޯ ލޯޑުކުރުމާއި އަންލޯޑްކުރުމުގެ ކަންކަން އަވަސް ވާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ހިތަދޫ ސަރަހައްދީ ބަނދަރަށް އެމްޕީއެލްއިން އެންމެ ފަހުން ގެނައި ޒޫމްލަޔަން 150 ޓަނުގެ ކްރޭން ހިތަދޫ ބަނދަރުގައި. ފޮޓޯ: އެމްޕީއެލް

މިކަމާ ގުޅިގެން ސަރަހައްދީ ބަނދަރުން ބުނެފައި ވަނީ މިހާރު ގަޑިއަކަށް މަސައްކަތް ކުރެވެނީ 100 ޓަނުގެ ކެޕޭސިޓީއެއްގައި ކަމަށެވެ. ނަމަވެސް މި ކްރޭން ލިބުމާއެކު މަސައްކަތުގެ ކެޕޭސިޓީ ތިން ގުނަ އިތުރުވެ 300 ޓަނަށް އިތުރުވެގެން ދާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ޕޯޓުގެ ހިނގުން ހަރުދަނާ ކުރުމުގެ އިތުރުން އެމްޕީއެލްއިން އަންނަނީ ހިތަދޫ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ސަރަހައްދީ ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މިއީ މި ބަނދަރު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތެކެވެ.