ހުޅުމާލޭގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް ހުޅުވާލި ފުރުސަތުގައި 1،413 މީހުން ކުރިމަތިލައިފި އެވެ.

ވިނަރެސް ފްލެޓް ގަތުމަށް ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ކުރިމަތިލާފައިވާ މީހުންގެ ޝަރުތުތައް ފުރިހަމަވާކަމަށް ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީންނެވެ.

މިހާރު ކުރިއަށްދަނީ ވިނަރެސް ފުލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމުގެ މަސައްކަތެވެ. އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ވިނަރެސް ފުލެޓްތައް އާންމުންނާ ހަވާލުކުރާނެ އެޗްޑީސީން ވަނީ ބުނެފަ އެވެ.

ވިނަރެސް ފުލެޓަށް ކުރިމަތިލި މީހުންގެ ދިރިއުޅުމުގެ ހާލަތު ޕްލޭނިން މިނިސްޓްރީގެ ޓީމަކުން ބެލުމަށްފަހު ލިބޭ މާކްސް، އެ ލިބޭ ތަރުތީބަކުން ލިސްޓް ކުރާނެ އެވެ. ފްލެޓް ލިބޭ މީހުންނަށް ފްލެޓް ހިޔާރުކުރުމަށް އެޗްޑީސީން ފުރުސަތު ދޭނީ އެ ތަރުތީބުންނެވެ. އޭގެފަހުން ފްލެޓް ލިބޭ މީހުންގެ މާލީ ގާބިލްކަން ވަޒަންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރާނެ އެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައި މަޑުކުރުމަށް ފުރުސަތު ދޭނެ އެވެ.

ވިނަރެސް ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގައި ވެސް ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގެ ފްލެޓްތައް ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ގޮތުގައި ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. މި ސަރަހައްދުގައި އެއް ކޮންވީނިއެންސް ސްޓޯ، ފަސް މީޓް/ފިޝް ޝޮޕް، ފަސް ރީޓެއިލް ފިހާރަ، އެއް ޓެއިލާ ޝޮޕް، ދެ ފާމަސީ އަދި އެއް ކްލިނިކް އެޅުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކޮމާޝަލް ޔުނިޓްތައް މި ސަރަހައްދުގައި އެޅުމަށްވެސް އެޗްޑީސީން ނިންމާފައިވެ އެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްގީކޮށްފައިވަނީ ހަތަރު ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެ އެވެ.

ވިނަރެސްގެ ކޮންމެ ޓަވަރެއްގައި ވެސް ޕާކިން، ސެކިއުރިޓީ، ސީސީޓީވީ، ފަޔާ އެންޑް ސޭފްޓީ، ގާބޭޖް ޝޫޓް ހުރެ އެވެ. އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓު ވެސް ހުރެ އެވެ. މިއިން ކޮންމެ ޓަވަރެއްގެ ވެސް ފުރަތަމަ ދެ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ކޮމާޝަލް ސްޕޭސްގެ ގޮތުގަ އެވެ. އެހެންކަމުން މީހުން ދިރިއުޅޭ އެ ޕާޓްމަންޓްތައް ހުންނާނީ ތިން ވަނަ ފަންގިފިލާއިން ފެށިގެން މައްޗަށެވެ.

ކޮމާޝަލް ސްޕޭސްތަކުގައި ފިހާރަތަކާއި، އޮފީސްތަކާއި، ކެފޭ ރެސްޓޯރެންޓާއި، ޖިމްތަކާއި، އޭޓީއެމް ގާއިމުކުރަން ނިންމާފައިވެ އެވެ. އަދި ޑިމާންޑަށް ބަލާ އިތުރު ޚިދުމަތްތައް ވެސް ތަޢާރަފުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.