މިފްކޯގެ ދަށުން ހިންގަމުން އައި 13 އައިސްޕްލާންޓެއް ހިންގުން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

އެ އައިސްޕްލާންޓުތައް ފެނަކަ އާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފެނަކަ ހެޑް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަފްލާގައި 14 އައިސްޕްލާންޓް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އައިސްޕްލާންޓް ތަކުގެ ތަޅުދަނޑި ވަނީ ފެނަކައާ ހަވާލު ކޮށްފަ އެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ މަސްވެރިންނަށް ފަސޭހަ ކަމާއެކު އައިސް ލިބޭނެ ގޮތް ހެދުމަށް "ފެނަކަ އައިސް" މޯބައިލް އެޕްލިކޭޝަން ވެސް ލޯންޗް ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ އެމްޑީ ސައީދު ވިދާޅުވީ މަސްވެރިންނަށް މެދުކެނޑުމެއްނެތި އައިސް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"ފެނަކައިން އާ އެއްޗެއް އުފައްދައިދޭނެ. އެ އެއްޗަކީ އިތުބާރާއި ޔަގީންކަން. އިރާދަކުރެއްވިޔާ، މިވަގުތު އަޅުގަނޑުމެންނާ ހަވާލުކުރި އައިސްޕްލާންޓުތަކުގެ ކެޕޭސިޓީ ހުރި ވަރަކުން ނުހުއްޓި އައިސް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނެ،" ސައީދު ވިދާޅުވި އެވެ.

ފެނަކަ އާ ހަވާލުކުރި ޕްލާންޓުތަކުގެ ތެރެއިން ބައެއް ޕްލާންޓުތައް މަރާމާތުކުރަން ޖެހިފައިވާއިރު، ދެ ރަށެއްގެ އައިސްޕްލާންޓު ހުރީ އޮޕަރޭޝަނަލް ހާލަތުގައެއް ނޫނެވެ. އެއީ ފ. ނިލަންދޫ އާއި ގއ. ދާންދޫ އައިސްޕްލާންޓެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެކުންފުންޏާ އައިސްޕްލާޓުތައް ހަވާލުކުރެވުމުން އެތަންތަނުގައި ހުރި މަރާމާތުގެ މަސައްކަތްތައް ނިންމައި، އެ ކުންފުނީގެ އިންޖީނުގެތަކާ އައިސްޕްލާންޓުތައް ގުޅައި، ސީދާ އެކުންފުނީގެ ދަށުން ޚަރަދު ހިނގާގޮތަށް އެތަންތަން ބަދަލުކުރެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން، އެ ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ މަސައްކަތުގެ 70 ޕަސެންޓު މަސައްކަތަކީ ތެލުން ހިންގާ އޮޕަރޭޝަން ކަމަށްވުމާއެކު އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުން އެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި މަސްވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުން، އެ ކުންފުންޏަށްވުރެ ރަނގަޅަށް ފެނަކައިން އެ އައިސްޕްލާންޓުތައް ހިންގާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

ފެނަކައާ އައިސްޕްލާންޓުތައް ހަވާލުކުރުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިޝަރިޒް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނަކައިގެ އޮފީސްތައް މިހާރު އެބަހުރި ކަމަށެވެ. އެހެންކަމުން އައިސްޕްލާންޓުތަކަށް ޖެހޭ މައްސަލަތައް ވެސް އަވަހަށް ހައްލުކުރުމަށް އެކުންފުންޏަށް ފަސޭހަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފެނަކައިގެ އޮފީސްތަކުގައި އިންޖިނިއަރުންނާއި މީހުން ތިބޭ.، އެހެންވީމަ އައިސްޕްލާންޓަށް މައްސަލައެއް ދިމާވެއްޖެނަމަ އެއަށް އެޓެންޑުވާނެ މީހުން ތިބޭނެ، މިފްކޯއިން އެކަން ކުރާއިރު، ޕްލާންޓަކަށް މައްސަލައެއް ދިމާވީމާ ވަރަށް ދިގު ދަތުރެއްކޮށްގެން އެކަން ވެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިގެންނަ ބަދަލާއެކު މިފްކޯއަށް އެކުންފުނީގެ އެހެން އޮޕަރޭޝަންތަކަށް އިސްކަން ދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިފްކޯގެ މަސްގަނެ މަސް އެކްސްޕޯޓުކުރުމުގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތަށް އިސްކަންދެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.