ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލުގެ މުނާސަބަތާ ގުޅުވައި، ރާއްޖޭގައި ކަލިނަރީ ދާއިރާގެ އަގު ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފުކޮށްފި އެވެ.

"ސީޖީއެމް ޝެފްސް އެވޯޑްސް" ނަމުގައި މިއެވޯޑް ތައާރަފުކޮށްފައިވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިނެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނީ މިއެވޯޑައަކީ ރާއްޖޭގައި ކަލިނަރީ އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ، އަދި އެ ފަންނު ދިރުވާ އާލާކުރުމުގައި އުޅޭ އެކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްސަދުގައި، މި އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭނެ އެވޯޑެއް ކަމަށެވެ.

ޝެފުންގެ ކަލިނަރީ ހުނަރުވެރިކަމާއި ފަންނުވެރިކަން ބަދިގެތަކުގެ އިތުރުން މުޖުތަމަޢުގައި ވެސް ބޭނުންކޮށް، ކަލިނަރީ ދާއިރާއިން މުޖުތަމައުތަކަށް އެކި ގޮތްގޮތުން ހިދުމަތްކުރުމަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން އަބަދުވެސް ބާރުއަޅާ ކަމެކެވެ.

"ސީޖީއެމް ޝެފްސް އެވޯޑްސް"ގެ މަގްސަދަކީ މިފަދަ ޝެފުން ފާހަގަކޮށް، އެ ޝެފުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމެވެ. އަދި ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމުގެ މަސައްކަތްކޮށް، ބައިނަލްއަގުވާމީ މުބާރާތްތަކާއި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރާނެ ގައުމީ ކަލިނަރީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމެވެ.

މި އަހަރުގެ އެވޯޑްސްގައި ހިމެނޭ ކެޓަގަރީތަކަކީ:

  • އެގްޒެކެޓިވް ޝެފް
  • ސޫ ޝެފް
  • ކޮމްޕެޓިޝަން ޝެފް
  • އެޑިއުކޭޝަން ޝެފް
  • ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
  • ޔަންގް ޝެފް
  • ލޯންގް ސާވިސް ސްޕެޝަލް އެވޯޑު

"ސީޖީއެމް ޝެފްސް އެވޯޑްސް 2022" އަށް ކުރިމަތިލުމަށް ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޝެފުންނަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ދަޢުވަތު ދެ އެވެ. އަދި ރާއްޖޭގެ އެކި ރިސޯޓުތަކާއި ރެސްޓޯރަންޓުތަކުން ވެސް، އެ ތަންތަނުގައި މަސައްކަތްކުރާ ހިދުމަތްތެރި އަދި ހުނަރުވެރި ޝެފުންނާއި ކަލިނަރީ ޕްރޮފެޝަނަލުން މި އެވޯޑަށް ނޮމިނޭޓުކުރުމަށް އެ ޖަމިއްޔާއިން ބާރު އަޅަ އެވެ.

މި އެވޯޑުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް، 10 އޮކްޓޫބަރު 2022 ގެ ކުރިން ނޮމިނޭޝަން ހުށަހަޅުއްވާށެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން- ޕްރޮފިޓް އަދި ނޮން-ގަވަންމެންޓް ޖަމްޢިއްޔާއެވެ.

މި ޖަމިއްޔާގެ މަގުސަދަކީ ދިވެހިރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ. ސީޖީއެމް ރަޖިސްޓްރީކުރީ އޮކްޓޫބަރު 2، 2014 ގަ އެވެ. އަދި މި ޖަމްޢިއްޔާއަކީ ދުނިޔޭގެ ޝެފުންގެ ޖަމްޢިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)އިން ދިވެހިރާއްޖޭގެ ގައުމީ ކަލިނަރީ ޖަމްޢިއްޔާގެ ގޮތުގައި އެންޑޯޒްކުރާ ޖަމްޢިއްޔާ އެވެ.