ކޮވިޑާއި ގުޅީގެން 2020 ވަނަ އަހަރު މެދުކަނޑާލި ރާއްޖެ އާއި ޗައިނާ އާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން މިކަން ހާމަކޮށްފައިވަނީ ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިއްޔެ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިއްޓަވިއުއެއްގަ އެވެ.

ޗައިނާގެ ސަފީރު ވާންގް ލިޖިން ވިދާޅުވީ ރާއްޖެ އަކީ ޗައިނާގެ ފަތިރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލް ކަމަށެވެ. އެހެންވެ ދަތުރުތައް އަލުން ފަށަން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާގައި ކޮވިޑުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ ވަރަށް އަވަހަށް އެ ގައުމުގެ ފަތުރުވެރިންނަށް ދަތުރު ކުރެވޭ ގޮތް ހަދާނެ ކަމަށެވެ. އެހެންވެ ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުކުރާ ފަތުރުވެރިންނާއެކު ދަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުކުރާ ޓޫރިސްޓުންނާއި ދަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ،ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތް ވެސް އެބަކުރެވޭ. އަޅުގަނޑުމެން އުއްމީދުކުރަނީ އަންނަ މަހު އެ ދަތުރުތައް ފެށޭނެ ކަމަށް،" ސަފީރު ވިދާޅުވި އެވެ.

ކޮވިޑުގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަނީ ޗައިނާއިންނެވެ. ނަމަވެސް ކޮވިޑާއެކު އެ ގައުމުގެ ބޯޑަރުތައް ބަންދު ކުރުމުން އެ ގައުމުން ފަތުރުވެރިން އައުން ހުއްޓުމަކަށް އައެވެ. އޭގެ އަސަރު މިދިޔަ ދެ އަހަރު ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.