189 މިލިއަން ޑޮލަރު (2.92 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ފެސިލިޓީއެއްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން (އައިޓީއެފްސީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އައިޓީއެފްސީން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސާލިމް ސޮންބޮލްއެވެ.ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ) ގެ ގަވަރުނަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓީއޯއިން ބުނީ މިއީ އިސްލާމިކް ފައިނޭންސިންގެ މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުން ހަމަޖެއްސި ފެސިލިޓީއެއްކަމަށެވެ. އަދި މި ފެސިލިޓީގެ ދަށުން، އެސްޓީއޯއަށް ބޭނުންވާ މުދާ ސަޕްލަޔަރުގެ އަތުން ގަތުމަށް ފަހު އައިޓީއެފްސީން ވިއްކާނީ ކުޑަ ފައިދާއެއް ލުމަށްފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ގަންނާނީ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި ސިއްހީ ދާއިރާގައި ބޭނުންކުރާ އާލާތްތަކެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އާއި އައިޓީއެފްސީއާ ދެމެދު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެ އެއްބަސްވުމުގެ ދަށުން، އައިއެފްޓިސީން މިފްކޯއަށް ވިޔަފާރި ފުޅާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ސްޓީއޯއިން މިދިޔަ ޖޫން މަހު ވެސް އައިޓީއެފްސީ އާއެކު މުރާބަހާ ފައިނޭންސިން އެގްރީމެންޓެއްގައި ސޮއިކުރި އެވެ. އެފަހަރު ސޮއިކުރީ 175 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ގެ އެގްރީމެންޓެއްގަ އެވެ.