މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް އެންމެ ގިނަ މަސް ކިރުވުމުގެ ރިކޯޑް ގދ. މަޑަވެލީގެ "ޓީއެސް ލައިން" ދޯނިން އިއްޔެ އައުކޮށްފި އެވެ.

އެ ދޯނިން އިއްޔެ ވަނީ 57.152 ޓަނުގެ މަސް އެވެ.

މަޑަވެލީ ދޯނިން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވެސް ވަނީ، އެއް ދުވަހުގެ ތެރޭގައި 50 ޓަނުގެ މަސް ކިރުވާފަ އެވެ. އެއީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަމަސް މިފްކޯއަށް ކިރުވުމުގެ ރެކޯޑެވެ. އެ ރެކޯޑް އައު ކޮށްފައި ވެސް މިވަނީ ހަމަ އެ ދޯނިންނެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ އިއްޔެ މަހަށް ނުކުތް ޓީއެސް ލައިން ދޯނިން 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވައި، އެއް ދުވަހެއްގެ ދޮށީގެ މަސްވެރިކަމުގެ ރިކޯޑެއް ހަދާފައިވާ ކަމަށެވެ.

ޓީއެސް ލައިން ދޯނިން ކިރުވި މަހަށް 971،584 ރުފިޔާ ލިބިފައިވެ އެވެ.

ޓީއެސް ލައިން ދޯންޏަކީ މިދިޔަ އަހަރު ވެސް މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސްކިރުވި ދޯންޏެވެ. އެއީ 1095.805 ޓަނުގެ މަހެވެ.