މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 186 މިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ހޯދައިފި އެވެ.

މި މަހު 27 ގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 186.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 157.9 މިލިއަން ރުފިޔާ އެވެ.

މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާ އެވެ. އެކަމަކު މިހާތަނަށް 186 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އަންދާޒާ ކުރިވަރަށް ވުރެ 124.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރާ އަޅައި ބަލާއިރު 29 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެކިގޮތްގޮތުން ރައްޔިތުން ޖޫރިމަނާ ކުރުންވަނީ އިތުރު ވެފަ އެވެ. އެގޮތުން މިހާރު ވެހިކަލް ތަކުގެ ނަމްބަރު ޕްލޭޓް ގަވައިދާއެއްގޮތަށް ނެތްނަމަ ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ.