ލަންޑަން (30 ސެޕްޓެމްބަރު) - އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިންވަނައިގެ ޕޯޓްރެއިޓާއެކު ބާޒާރަށް ނެރެން ހަމަޖެހިފައިވާ ފައިސާ ފޮތިތައް އެ ގައުމުގެ ރޯޔަލް މިންޓުން ދައްކާލައިފި އެވެ.

އެގޮތުން ރަސްގެފާނުގެ ޕޯޓްރެއިޓާ އެކު ނެރެން ހަމަޖެހިފައިވާ 0.5 ޕައުންޑް އަދި 5 ޕައުންޑްގެ ވަކި ލާރި ފޮތިތަކުގެ ޑިޒައިން ބީބީސީން ވަނީ އާއްމުކޮށްފަ އެވެ.

މަޝްހޫރު އާޓިސްޓެއް ކަމަށްވާ މާޓިން ޖެނިންސް ފަރުމާ ކޮށްދީފައިވާ މި ފައިސާފޮތިތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ބާޒާރަށް ނެރޭނެ އެވެ.

މި ފައިސާ ފޮތިތަކުގައި ކުރީގެ ފައިސާފޮތިތަކާ ޚިލާފަށް ރަސްގެފާނުގެ ތާޖެއް ނުފެނެ އެވެ. މިއީ ޚުދު ޗާލްސް ބޭނުންފުޅުވި ގޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި މަހުގެ ކުރީކޮޅު އަަވަހާރަވި ރާނީ އެލިޒަބަތުގެ މަރާއެކު އެކަމަނާގެ ޕޯޓްރެއިޓް ޖަހައިގެން ނެރެފައިވާ ނޫޓުތަކާއި ފައިސާ ފޮތިތަކުގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށް އެ ނޫޓުތަކާއި ފައިސާ ފޮތިތަކަކީ އަދިވެސް އެ ގައުމުގެ ރަސްމީ ފައިސާގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ރޯޔަލް މިންޓުން ވަނީ ހާމަކޮށްފަ އެވެ.

ޗާލްސް ރަސްގެފާނަކީ އިނގިރޭސި ވިލާތުގެ ފައިސާ ފޮތިތަކުގައި އެ ބޭފުޅެއްގެ ޕޯޓްރެއިޓް ޖެހި، ދެވަނަ ތަހުތުގެ ވެރިޔާ އެވެ. މީގެ ކުރިން އެ ޝަރަފް ލިބިފައި އޮތީ ރާނީ އެލިޒަބަތަށެވެ.

މި ފައިސާ ފޮތިތަކުގެ އިތުރުން ރާނީ އެލިޒަބަތުގެ ރަނިކަން ފާހަގަ ކުރުމުގެ ގޮތުން ނެރޭ ހާއްސަ ހަނދާނީ ފައިސާ ފޮތިތަކެއް ވެސް އަންނަ ހޯމަ ދުވަހު ބާޒާރަށް ނެރެން ވަނީ ހަމަޖެހިފަ އެވެ. -- ބީބީސީ