މާލޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެ، މިހާރު އެވްރެޖްކޮށް ދުވާލަކު 300 ކޮންޓެއިނަރުގެ މުދާ ކްލިއާ ކުރެވޭ ކަމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން ބުނެފި އެވެ.

އެކުންފުނީގެ ތިންވަނަ ކުއާޓަރުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއާޓަރު ނުވަތަ ޖުލައިން އޮގަސްޓަށް ހިނގި މުއްދަތުގައި އެމްޕީއެލްއަށް ކްލިއާކުރި މުދަލުގެ މިންވަރު ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"މިއިން މި ދައްކައިދެނީ ކޯވިޑްގެ ހާލަތަށްފަހު ރާޢްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ މިންވަރު. ކޯވިޑްގެ ހާލަތާއި އެއްކޮށް ކާގޯ ވޮލިއުމް 2019 އިން ފެށިގެން ވަރަށް ދަށްވި. ގާތްގަނޑަކަށް 50 އިންސައްތަ ދަށްވެފައި،" އޭނާ ވިދާޅުވި އެވެ. "2020 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން 2021 ވަނަ އަހަރުގެ ކުރީކޮޅު މަޑުމަޑުން ރިކަވާ ވަމުން އައިސް، މިހާރު 2022 ވަނަ އަހަރުގެ މިހާތަނަށް މިފެނުނީ ހަމަ ފުދޭ ވަރަކަށް ބޮޑަށް ކާރގޯ ވޮލިއުމް."

ޝާހިދު ވިދާޅުވީ މިހާރު މަހަކު 9،000 ކޮންޓެއިނަރު ކްލިއާ ކުރެވޭއިރު، މިއީ 2021 ވަނަ އަހަރު މަހަކު ކްލިއާކުރެވޭ 7،000 ކޮންޓެއިނަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ.

"އޭގެ މާނައަކީ ކޮންޓެއިނާ އެތެރެވެ ބޭރުވާ ޖުމްލަ އަދަދު، 20 ފޫޓުގެ 9000 ކޮންޓެއިނަރު އެބައުޅޭ. އެހެންވީމަ އެވަރެޖްކޮށް މަހަކު 2،000 ކޮންއިނަރުގެ ކުރިއެރުމެއް އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކްލިއަރިން އޮޕަރޭޝްނަތަކަށް ބަލާއިރު ވެސް، 2021 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކުު 200 ކޮންޓެއިނަރު ކްލިއާކުރެވުނު ނަމަވެސް، މިހާރު އެވްރެޖްކޮށް ދުވާލަކު 300 ކޮންޓެއިނަރު މާލެއާއި ހުޅުމާލެއިން ކްލިއާކުރާ ކަމަށެވެ.

"އެހެންވީމަ މައިގަނޑު ގޮތެއްގައި ފުދޭވަރަކަށް ބާރު ބޮޑުކޮށް މިދަނީ ޕޯޓްގެ އޮޕަރޭޝަންސް. އެވަރެޖްކޮށް ހަތަރު ކޮންޓެއިނަރު ބޯޓު އެބައޮވޭ ބަނދަރުގައި. އެއްފަހަރާ އޮޕަރޭޝަން ހިނަގަންޖެހޭ ގޮތަށް މަސައްކަތް މިދަނީ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްއަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ސަރަހައްދުތައް އޭރިއާތަކުގަ ޕޭވިންގެ ބޮޑުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދަން. އެއީ ބިންގަނޑު ލެވަލްކޮށް ގާ އަތުރާ ޕޭވްކުރުމުގެ މަސައްކަތް. އެތަންތަން ނިމުނީމަ އަޅުގަނޑުމެންނަށް އިތުރު ޖާގަ ކޮންމެސް ވަރަކަށް އިތުރުވެގެންދާނެ. އަދި ޔާޑު ތެރޭގައި ވެސް އަޑިގުޑަން ހުރި ތަންތަން ރިޕެއާކުރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށް ގެންދަން. އޭގެ ސަބަބުން ވެސް ކޮނަޓެއިނަރު ޖެއްސުން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އިތުރުކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ މަސައްކަތްތަކަށް ބޭނުންވާ އިތުރު އިތުރު އިކުއިޕްމަންޓްތައް ވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާ ސްޓާފުންގެ ދަތިކަން ވެސް އުޅޭ ކަމަށާއި، އެ ކަމަށްވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.