ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ނުދައްކާ ހުރި ކަރަންޓް ބިލްތަކަށް 80 މިލިއަން ރުފިޔާ އަރާ ކަމަށާއި އެ ފައިސާ ނުދައްކާނަމަ ދެން ޖެހޭނީ ކަރަންޓް ކަނޑާލަން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކަރަންޓް ބިލް ދައްކަނީ ޕީއެސްއެމްގެ އެންމެ މީޓަރަކުން ކަމަށެވެ. އެތަނުގައި ޖުމްލަ 22 މީޓަރު ހުރެ އެވެ.

އޮފިޝަލް ވިދާޅުވީ ކަރަންޓު ބިލުތަކަށް ނުދެއްކި ހުރި ފައިސާ ހޯދުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އޮކްޓޯބަރު 4، 2021 ގައި ވަނީ ކަރަންޓް ބިލުތައް ދެއްކުމަށް 12 މިލިއަން ރުފިޔާ އެކުންފުންޏަށް ހަމަޖައްސައިދީފައެވެ. އެ ފައިސާގެތެރެއިން ޕީއެސްއެމުން ދެއްކީ އަށް މިލިއަން ރުފިޔާ އެކަންޏެވެ. އަދި ބާކީ ހަތަރު މިލިއަން ރުފިޔާއަށް ޕީއެސްއެމްއިން ހެދި ގޮތެއް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގެ އެ ފައިސާއަށް ހެދީ ކިހިނެތް ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ޕީއެސްއެމުން ފެން ބިލް ނުދެއްކި މައްސަލައެއް ވެސް ފެންމަތިވި އެވެ.

އެ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިކުރި އިންޓާނަލް އޮޑިޓަރު އަހްމަދު ފަޒީލް ވެސް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލުމަށްފަހު އެވެ.