ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ތަރައްގީކުރި ޒަމާނީ ފެންވަރުގެ ރަންވޭ ނިންމިތާ ފަސް އަހަރެއްހާ ދުވަސް ފަހުން މިއަދު ހެނދުނު ރަސްމީކޮށް އެއާލައިންތަކަށް ހުޅުވާލައިފި އެވެ.

ހެނދުނުގެ އެރި އިރާއެކު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސާފައި ވަނީ، އެމިރޭޓްސް އެއާލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:19 ގަ އެވެ.

އެ ފްލައިޓަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވަނީ، ވޯޓާ ސެލިއުޓެއް ދީފަ އެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއި އެކު ކުރީގެ ރަންވޭ ދެން ބޭނުން ކުރާނީ ޓެކްސީވޭ އެއްގެ ގޮތުގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއްމުކޮށް ހުޅުވާލުމުން ފުރަތަމަ ޖެއްސި އެމިރޭޓްސްގެ ފްލައިޓަށް ނައިބު ރައީސްއާއި އެމްއޭސީއެލް އިސްވެރިން މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި އާ ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މި ރަންވޭ މިއަދު ބޭނުންކުރަން ފެށުމާއެކު އެ އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20އަށް ވުރެ މަތިވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެ އެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް ދެ މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާ ރަންވޭގެ އިތުރުން މިއަދު ހުޅުވުނު ނޫވިލު ސީޕްލޭން ޓާމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ.

މި ޓާމިނަލްއިން އެއް ވަގުތެއްގައި، 1،000 މީހުންނަށް ޚިދުމަތް ދެވޭނެ އެވެ. ސީޕްލޭން ޓަރމިނަލް އާއި އާ ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓަރަކްޝަން ގްރޫޕާ ހަވާލުކޮށްގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުންކުރަން ރަސްމީކޮށް ފެށުމުގެ ގޮތުން ހަނދާނީ ހަދިޔާއެއް ނައިބު ރައީސް ފައިސަލްއާ ހަވާލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވެމުން ދަނީ އެއާޕޯޓުގެ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމަށެވެ. މިގޮތުން، ރަންވޭ އެޅުމުގެ މަސައްކަތާއި، ފިއުލްފާމް ގާއިމްކުރުމާއި، ސީޕްލޭން ޓާމިނަލްގެ އިތުރުން ޕެސެންޖާ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތައް ކުރިޔަށްދިޔަ ގޮތުގެ މައްޗަށް އަލި އަޅުއްވާލެެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ކުރެވުނު އެ މަސައްކަތަކީ ހިނގަހިނގާ އޮތް އެއާޕޯޓެއްގެ ތެރޭގައި އައު އެއާޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތައް ހިނގަމުން ދިޔައިރު އެއާޕޯޓުގެ ޚިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދެވުނުކަން، ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލް ނައިބު ރައީސް އާއި އެމްޔޫ މަނިކު އަދި ޗައިނާ ސަފީރު ރަސްމީކޮށް ހުޅުވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ އިންޓަނޭޝަނަލް ފްލައިޓްތައް ވެލާނާ އެއާޕޯޓުގައި ޖެއްސުމާއެކު، ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ، ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމެންޓް ހިނގާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އަލަށް މިއަދު ހުޅުވުނު، އައު ސީޕްލޭން ޓާމިނަލާއެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، އެއާޕޯޓުގެ ތަރައްގީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފަ އެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްގީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.