ހުޅުމާލޭގައި ޑޭކެއާ ސެންޓަރަކާއި ވޯކާސް ބިލްޑިން އަކާއި އޮޓޯ ސެންޓަރަކާއި ޕާކިން ބިލިންޑިންއެއް ގާއިމްކުރަން ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޑޭކެއާ ސެންޓަރެއް ގާއިމްކުރަން ހަވާލުކުރީ އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސްއާއެވެ. އެ ސެންޓަރު ހިންގަން އިމާރާތްކުރަނީ ހަ ފްލޯ ހިމެނޭ 3000 އަކަފޫޓުގެ އިމާރާތެކެވެ. ޑޭކެއާ ސެންޓަރެއް ގާއިމް ކުރަނީ ވަޒީފާގައި އުޅޭ ވަގުތު ދަރިން ރައްކާތެރިކަމާއެކު ބެލޭނެ ނިޒާމެއް ހުޅުމާލޭގައި ގާއިމް ކުރުމަށެވެ.

ވޯކާސް ބިލްޑިން އަކީ ކުންފުނިތަކުން ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރާއްޖޭގައި ފަހި ދިރިއުޅުމެއް ގާއިމްކޮށްދީ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މަގުސަދުގައި ގާއިމް ކުރާތަނެކެވެ. އެ މަސައްކަތް ހަވާލުކުރީ ހޮންގްކޮންގްގެ ރޯޑްލައިން އިންޖިނިއަރިން ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއެވެ.

އެއީ 9000 މަސައްކަތްތެރިނަށް އުޅެވޭ 18 ބްލޮކް ހިމެނޭ ބިލްޑިންއެކެވެ. އެކޮމަޑޭޝަން ބްލޮކްތަކުގައި ހަތަރު މީހުންނާއި ހަ މީހުންގެ ޖާގައިގެ ކޮޓަރިއާއި ފާޚާނާ ބަރި އަދި ނަމާދު ގެއާއި ފިހާރަހުންނާނެއެވެ. މި ބިލްޑިންގައި ކިޗަން އަދި މެސްރޫމް ހުންނާނީ ވަކިން އެކަމަށް ޚާއްސަކުރެވިފައިވާ ފްލޯތަކުގައެވެ. މި ބިލްޑިންގައި ސެކިއުރިޓީ ހޯލްތަކާއި ކޮންފަރެންސް ހޯލެއް އަދި މެޑިކަލް ރޫމެއް ހިމެނޭނެ އެވެ.

ރައްޖޭގައި މި ވަގުތު ހިންގާ ގިނަ ގަރާޖުތަކަކީ ކުޑަ ތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެތަކުގައި ގިނަ ފަހަރު ބޮޑު ކުއްޔެއް ދައްކައިގެން ހިންގާ ގަރާޖުތަކެކެވެ. އެ ތަންތަނުގައި އެކިކަހަލަ ކެމިކަލްތައް ބޭނުންކުރެވި އެ ކެމިކަލްތައް ބޭނުންކުރުމަށްފަހު ޑިސްޕޯސްކުރަންޖެހެއެވެ. އާންމުން ދިރިއުޅޭ ތަންތާ މިއީ ކުރުން އެންމެ ރައްކާތެރި ކަންކަމެއް ނޫނެވެ. އެޗްޑީސީން އިސްނަގައިގެން ތަރައްގީކުރާ އޮޓޯ ސެންޓަރަކީ ބޭސްމަންޓާއެކު ފަސްބުރި ހިމެނޭ 35،400 އަކަފޫޓުގެ ޖާގައިގެ ތަފާތު އިމާރާތެކެވެ. މި އިމާރާތުގައި ހަތް ސާވިސް ލިފްޓް ހުންނާނެ އެވެ. އޮޓޯ ސެންޓަރު ގާއިމްކުރަން ހަވާލުކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއެވެ.

މާލެ ސަރަހައްދުގެ ރަށްތައް ބްރިޖްތަކުން ގުޅާލެވި އެއްފަސް ކުރެވިގެންދާ މި ވަގުތު ވެހިކަލްތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ވެހިކަލްތައް ޕާކުކުރާނެ ޖާގަ އަދި ހަރުދަނާ އުސޫލުތައް މި ސަރަހައްދުގައި ނެތުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ. ދަމާސްއާއި އެޗްޑީސީގެ އިސްނެގުމުގެ މަތިން މިއަދު މި ފަށާ ޕާކިން ބިލްޑިންގެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލައަށް ބޮޑެތި ހައްލުތައް ހޯދައިދޭނެ މަޝްރޫއެކެވެ.

މިއީ 24،700 އަކަފޫޓުގެ ޖާގައިގެ ޕާކިން ބިލްޑިންއެކެވެ. އިމާރާތުގެ ހަ ފްލޯ ޚާއްސަކޮށްފައި ވަނީ ވެހިކަލް ޕާކުކުރުމަށެވެ. ދެ ފްލޯ ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރާއިރު އެތަނުގައި ފިހާރައާއި ފާޚާނާ ވެސް ހުންނާނެއެވެ.