ރާއްޖޭގައި ސައިބާ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ބަހުރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނި ދިރާގުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ބަޓެލްކޯގެ އެވެ. އެއީ 52 ޕަސެންޓް ހިއްސާ އެވެ. ދިވެހި ސަރުކާރުގެ ހިއްސާއަކީ 8.41 ޕަސެންޓް ކަމަށް ވާއިރު ދިވެހި ރައްޔިތުންގެ ހިއްސާގެ އަދަދަކީ 2.6 ޕަސެންޓެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ބަހުރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބަހުރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) ގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއީލް ރަޝީދެވެ. އަދި ބަޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ޝެއިޚް އަބްދުالله ބިން ޚަލީފާ އަލް ޚަލީފާ އެވެ.

ބަޓެލްކޯއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އޭޖެންސީ، ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ދިވެހިންނަށް ރައްކާތެރި ސައިބަ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބާގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ، ސެކުއިރިޓީ އިންޖިނިއަރިން، ސައިބަ ޑިފެންސް، ސެކިއުރިޓީ އެޝުރެންސް، ސައިބަ ތުރެޓް އަދި ތުރެޓް ހަންޓިން އަދި އިންސިޑެންޓް ރެސްޕޮންސް ހިމެނެ އެވެ.

ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ބަޓެލްކޯ އަދި ދިރާގާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ސައިބަ ސްޕޭސްއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި، ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ސައިބަ ސެކިއުރިޓީގެ ކަންކަން ހަރުދަނާކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތް ކުރުން މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

"ސައިބަ ސެކިއުރިޓީއަށް ބޭނުންވާ ސްޕެޝަލައިޒްޑް ޕްރޮފެޝަނަލުންނަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ގިނަ ސްޓޭކް ހޯލްޑަރުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ،" މިނިސްޓަ ޝައުނާ ވިދާޅުވި އެވެ.

ބަޓެލްކޯގެ ޗެއާމަން ޝެއިޚް އަބްދުالله ބިން ޚަލީފާ އަލް ޚަލީފާ ވިދާޅުވީ، ދިވެހިރާއްޖެ އާއި ބަޙްރައިން އާއި ދެމެދު އޮންނަ ގުޅުމަށް ތައުރީފުކުރާ ކަމަށެވެ. އަދި ހާއްސަކޮށް މުވާސަލާތީ ދާއިރާއިން ބަޓެލްކޯގެ ބައިންލްއަގުވާމީ އޮޕަރޭޝަން ކަމަށްވާ ދިރާގު މެދުވެރިކޮށް ކުރާ މަސައްކަތައް ބަޓެލްކޯގެ ޗެއާމަން ފާހަގަކުރެއްވި އެވެ.

"ބަޓެލްކޯ އިން ދާދި ފަހުން ތައާރަފްކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބާ އާއި ދިރާގު ގުޅިގެން ރާއްޖޭގެ ސައިބަ ސެކިއުރިޓީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ބަޓެލްކޯގެ ޗެއާމަން ވިދާޅުވި އެވެ.

ބަޓެލްކޯއާއެކު ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ ސައިބަ ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ލިބުނު އިތުރު ބާރެއް ކަމަށް ދިރާގުން ބުނެ އެވެ.

"މި މަޝްރޫއުގެ ޒަރިއްޔާއިން އެންސީއައިޓީ އާއެކު އަޅުގަނޑުމެންގެ އިލްމާއި ތަޖުރިބާ ހިއްސާކުރެވި، ސަރުކާރާއި ވިޔަފާރިވެރިންނާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދުކުރަން،" ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ބަހުރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީއަކީ އެ ގައުމުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ކޮމިއުނިކޭޝަންސް ސޮލިއުޝަންސް ފޯރުކޮށްދޭ ކުންފުންޏެވެ.

ބަޓެލްކޯއިން އަންނަނީ ބަހުރެއިންގެ ސަރުކާރާއި އެންޓަޕްރައިޒް، ކޮންސިއުމާ އަދި ދުނިޔޭގެ މާކެޓުތަކަށް ޚިދުމަތް ދެމުންނެވެ. މިގޮތުން އެކުންފުނީގެ ޓިއާ 3 ސެޓިފައިޑް ފެސިލިޓީތަކުން އަންނަނީ މޮބައިލް، އިންޓަނެޓް، ޑޭޓާ، ކްލައުޑް ސާވިސަސް، އަދި ޑޭޓާ ސެންޓާ ސޮލިއުޝަންސް ފޯރުކޮށްދެމުންނެވެ.