މިމަހުގެ ފުރަތަމަ ފަސް ދުވަސް ތެރޭގައި ރާއްޖެއަށް 23،932 އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަނަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 38.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ، 878،317 ފަތުރުވެރިންނެވެ.

އަދި މިމަހުގެ ފުރަތަމަ ފަސް ދުވަހު 23،932 ފަތުރުވެރިން އައި އިރު، މިދިޔަ މަހު ރާއްޖެއަށް 111،987 ފަތުރުވެރިން އައިސްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 172،911 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 14.2 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 146،806 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނާގައި އޮތް އިނގިރޭސިވިލާތުން 133،280 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މީގެއިތުރުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގައި ދެން ހިމެނެނީ، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުދީ އަރަބިއްޔާގެ އިތުރުން ސްވިޒަލޭންޑެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،191 ތަނަކަށް ހުއްދަދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ މިތަނުން 1،182 ތަނަކުންނެވެ. އެއީ، 164 ރިސޯޓާއި، 867 ހޮޓަލުގެ އިތުރުން 154 ސަފާރީއެވެ. މިއީ 58،493 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓްތަކުންނެވެ.

ރާއްޖެއަށް މިހާރު 24 އެއާލައިނަކުން ދަތުރުކުރެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،214،55އަށް އަރާފައިވާއިރު، ސަރުކާރުން އަންދާޒާކުރާގޮތުގައި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ.