ދައުލަތަށް ޓެކްސް ނުދައްކާ 140 ފަރާތަކާއި ޓެކްސް ބަޔާން ހުށަހަޅާފައިނުވާ 256 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮރޯރިޓީ (މީރާ) އިން އާންމު ކޮށްފިއެވެ.

ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ނުދައްކާ މީހުންނާއި ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ވަނަވަރު މީރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.

މީރާއިން އާންމު ކޮށްފައިވާ ޓެކްސް ފައިސާ ނުއްދަކާ ފަރާތްތަކުގެ ލިސްޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާހަމައަށް މުއަދަތު ދީގެންވެސް ޓެކްސް ފައިސާ ދައްކާފައި ނުވާ ފަރާތްކުގެ މައުލޫމާތެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުން އެ ފައިސާ ދެއްކުމުން އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރެވޭނެ ކަމަށް މީރާ އިން ބުނެ އެވެ.

މީރާއިން ބުނީ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ބަހަލައިގެން ވެސް އެ ފައިސާ ދެއްކޭގޮތް ހަމަޖެއްސިދާނެ ކަމަށެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް އަޅަން މިހާރު ފަށައިފައިވާ ކަމަށް މީރާއިން ބުންޏެވެ.

ޓެކްސް ނުދައްކާނަމަ ދެން މީރާއިން އެ މައްސަލަ ހުށަހަޅާނީ ސިވިލް ކޯޓަށެވެ.