އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުލިން ލިބުނު އާމްދަނީ ދަށްވެ، މީރާއަށް ޖަމާކުރި އާމްދަނީ ބޮޑުތަނުން ދަށްވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މިދިޔަ މަހު ޖަމާކޮށްފައި ވަނީ ޖުމްލަ 1.41 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 29.0 ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް މީރާއިން ބުނެ އެވެ. ނަމަވެސް އެ އަދަދަކީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 11.0 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެންބަރު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މީގެ ސަބަބަކީ، 2021 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރ 2021 އަށް ފަސްކޮށްފައިވުން ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މި އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އައިސްފައި ވަނީ މިދިޔަ ޖުލައި 31 ގަ އެވެ. މީގެ އިތުރުން މިދިޔަ މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ އަނެއް ސަބަބަކީ، މި އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަނދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، އޮކްޓޫބަރު މަހަށް ސުންގަޑި ފަސްވުމުން ކަމުގައި މީރާއިން ބުނެ އެވެ.

މިދިޔަ ސެޕްޓެންބަރު ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވެފައިވަނީ ނަން- ރެޒިޑެންޓް ވިތު ހޯލްޑިން ޓެކްސް، ކޯޕަރޭޓް އިންކަމް ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ދެއްކި ޓެކްސްގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ:

  • ޖީއެސްޓީން 45.6 ޕަސެންޓް ނުވަތަ 640.93 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓުން 21.2 ޕަސެންޓް ނުވަތަ 297.63 މިލިއަން ރުފިޔާ
  • އިންކަމް ޓެކްސްގެ ގޮތުގައި 10.6 ޕަސެންޓް ނުވަތަ 149.30 މިލިއަން ރުފިޔާ
  • ގްރީން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނުވަތަ 77.69 މިލިއަން ރުފިޔާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 4.7 ޕަސެންޓް ނުވަތަ 66.26 މިލިއަން ރުފިޔާ
  • އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 12.4 ޕަސެންޓް ނުވަތަ 174.84 މިލިއަން ރުފިޔާ

މިދިޔަ މަހު ޖަމާކުރި އާމްދަނީގެ ތެރޭގައި 59.12 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.