މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް" ލެކްޗަރ ސީރީޒްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މުފްތީ މެންކް ރާއްޖެއަށް ވަޑައިގަންނަވާނީ އޮކްޓޫބަރު މަހުގެ 27 އިން 31ގެ ނިޔަލަށެވެ. އަދި މި ދަތުރުފުޅުގައި މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުމާލޭގައި ލައިވް ދަރުސްތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މި ހުކުރު ދުވަހުގައި މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޒަމްގައި ހުކުރު ޚުތުބާވެސް ދެއްވާނެ އެވެ.

މިއީ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. މީގެ ކުރިން އޭނާ ވަނީ 2015, 2016 އަދި 2020 ވަނަ އަހަރުތަކުގައި މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ގައި ދީނީ ދަރުސް ދެއްވާފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި އިސްލާމީ ރިވެތި އަޚްލާޤު ކުރިއެރުވުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިނީޝިއޭޓިވްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.