މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް އަޒުރު އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ރަޝިއާގެ އަޒުރު އެއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ވެރިރަށް މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް އަޒުރު އެއާގެ ދަތުރުތައް ފެށީ ހުކުރު ދުވަހު އެވެ

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނީ ހަފްތާގެ ހަތް ދުވަހު އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެ ކަމަށެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިން 767 މަރުކާގެ ބޯޓެވެ. މިއީ 336 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށް އަޒުރު އެއާއިން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

ރަޝިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން ޖުމްލަ 128،687 ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ.