އަންނަ އަހަރަށް ލަފާކޮށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 ރ. އެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުޅި ތާރީޚުގައި ލިޔެވިފައިވާ އެންމެ ބޮޑު އިޤްތިސާދީ ގޮންޖެހުމަކީ ކޮވިޑް-19 ކަމަށެވެ. އަދި އެ ބަލިމަޑުކަމާއެކު ކުރިމަތިވީ އިގްތިސާދީ ޝޮކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

" ކޮވިޑް-19ގެ އާލަމީ ވަބާ އާ އެކު ރާއްޖޭގެ އިގުތިސާދާއި ވިޔަފާރިތަކާއި އާންމުންގެ ދިރުއުޅުމަށް ކުރާ މަސައްކަތްތައް މުޅިންހެން ހުއްޓިގެން ދިޔަ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓި، ވިޔަފާރިތައް މަޑުޖެހި، ބަނގުރޫޓްވުމުގެ ތުންފަތް މައްޗަށް ހާލަތު ދިޔަ،" އަމީރު ވިދާޅުވި އެވެ.

ކޮވިޑްގެ ތެރޭގައި ދިމާވި ދަތިތަކުގެ މައްސަލައަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ އެ ހާލަތުގައި، ވަޒީފާ ގެއްލި އަތްމަތި ދަތިވެ ގޮތް ހުސްވި އެންމެނަށް ސަރުކާރުން އެހީތެރިވި ކަމަށާއި ވިޔަފާރިތައް ބަނގުރޫޓު ވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާއަށް، ނުވަތަ ލިބޭ މުސާރައަށް އުނިކަމެއް އަޔަނުދީ ހިފެހެއްޓުނު. ކޮވިޑް-19ގެ ޢާލަމީ ވަބާގެ ބިރު މިއަދު ފިލާ ހިނގައްޖެ. ދުނިޔެ ހުއްޓި، ރާއްޖޭގެ ބޯޑަރު ބަންދުކުރި ދުވަސް މާޒީވެއްޖެ. ރަށްތައް ތަޅުލެވި، މާލެ ފުރަބަންދުވި އަނދިރިކަމަށް އަލި ވިލިއްޖެ. ސަރުކާރުން ހިކުމަތްތެރިކަމާއެކު އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން، އިރާދަ ކުރެއްވިއްޔާ، ކޮވިޑް-19ގެ ކުރިން އިގްތިސާދު ހުރި މިންވަރަށް މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު އަނބުރާ އިއާދަވާނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ތަދުމަޑުކަމުން އަރައިގަތުމަށް ކަނޑައަޅާފައިވާ މާލީ ސިޔާސަތުތައް، ނޯމަލައިޒްކޮށް އާންމު ހާލަތަށް ގެންނަން ޖެހޭ ކަމަށާއި ރާއްޖެ ފަދަ ހުޅުވާލެވިފައިވާ ކުޑަ އިގްތިސާދަކަށް އަންނަ، އެކި އިގްތިސާދީ ޝޮކްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ މާލީ ވިލުންވެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮވިޑްގެ ދަތިކަމުން އަރައިގަތުމަށް ހުށަހަޅާ ފުރަތަމަ ބަޖެޓް

އަމީރު ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަމަށެވެ. އަދި މިބަޖެޓާ ހަމައަށް އާދެވުނީ އިގްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު ކަމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުން އަދިވެސް ބޮޑު ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި ދުނިޔޭގެ އިގްތިސާދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު މިވަނީ އުފަންވެފައި. ރަޝިޔާ-ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިއްޖެ. ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް. ތަރައްގީވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި. އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަން ސަރުކާރުން ދެނެގަންނަން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިވަނީ، ދުނިޔެ ކުރިމަތިލަމުންދާ އިގްތިސާދީ އެކި ގޮންޖެހުންތަކުގެ މެދުގައި ކަމަށާއި 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް ކަމަށް ވިދާޅުވި އެވެ. އަދި މި ފަހަރުގެ ބަޖެޓަކީ އެކަށީގެންވާ ހައްލުހޯދޭނެ ދެލިކޮޕީއެއް ކަމަށާއި ރައްޔިތުންގެ ފުދުންތެރިކަމާ، އިޖްތިމާޢީ ދުޅަހެޔޮކަމާ، ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މާލީ ގޮންޖެހުންތައް ބޮޑު

ފިނޭންސް މިނިސްޓަރު ވިދާޅުވީ ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއީ އިގްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް ކަމަށާއި ދައުލަތުގެ ދަރަނި ބޮޑުވެ، އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ ކަމަށާއި ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ. އިވޭ އަޑުތަކާ، އޮތް ޙާލަތާ، ކުރާންޖެހޭ ކަންކަން ސަރުކާރަށް ވަރަށް ސާފު. އަޅުގަނޑުމެން އެންމެ އިސްކަމެއް މިދެނީ، މި ގޮންޖެހުންތައް ގިރާކޮށް، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި މަގުގައި ހިފެހެއްޓުމަށް. ރާއްޖޭގެ އިގްތިސާދު އިންގިލާބުކޮށް، ބަދަލުކުރާނެ ކަންކަން ކުރިއަށް ނެރުމަށް. ރާއްޖޭގެ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި ސިނާއަތްތަކުގެ ކުރިއެރުން ފަހިކޮށް ހުރިކަމުގައި ވީނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް ހުރީ އުފުލިފައި ކަމަށާއި ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިޙްސާސް ވަނީ ކުޑަކުރެވިފައި ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް، މި ފަދަ ސިޔާސަތުތަކަކީ މިގޮތަށް ދާއިމީގޮތެއްގައި ކުރިއަށްގެންދެވޭނެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނޫން. އަދި އެއީ އިގްތިސާދީ އަދި ފިސްކަލް ހިރާސްތައް ބޮޑު ސިޔާސަތުތަކެއް. އެހެންކަމުން، މުސްތަގުބަލުގައި މި ސިޔާސަތުތަކަށް އިސްލާހުތަކެއް ގެންނަންޖެހޭ. 2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 5.4 އިންސައްތައިގައި. ނަމަވެސް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ކުޑަކުރެވޭނެ،" އަމީރު ވިދާޅުވި އެވެ.

ރިޒާވަށް ބޮޑު ގޮންޖެހުމެއް

ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ސިޔާސަތުތައް ބެލެހެއްޓުމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ރާއްޖޭގެ ރަސްމީ ރިޒާވް ކަމަށެވެ. އަދި އިގްތިސާދީ ހަރަކާތްތައް ހަލުވިވެ، އިމްޕޯޓް އިތުރުވެއްޖެ ކަމަށާއި އިމްޕޯޓް މުދަލުގެ އަގުތައް، ވަކިން ޚާއްސަކޮށް ތެލުގެ އަގު، މަތިވެއްޖެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ކުރުމުއްދަތުގައި ރަސްމީ ރިޒާވް އިތުރުކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށާއި ނަމަވެސް، އަޅަމުންދާ ފިޔަވަޅުތަކާއެކު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 638 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި އަދި 2023 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް އަމީރު ވިދާޅުވި އެވެ.

"މި މިންވަރުގައި ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓި، އިގްތިސާދީ މަސައްކަތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ސަޕްލައި ދަތިނުވާނެ މިންވަރަށް ހުންނާނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.