ދިރާގަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 202.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި ކުއާޓަރުގައި 627.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ބަޔާނުގައިވެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، އެއް ޕަސެންޓްގެ ކުރިއެރުމެކެވެ.

ދިރާގުގެ އާމްދަނީ މި ކުއާޓަރުގައި އިތުރުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ މޯބައިލްގެ ހިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ. މި މުއްދަތުގެ ތެރޭގައި މޯބައިލް ވިޔަފާރިން 316.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތްތަކުން 291.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތިންވަނަ ކުއާޓަރުގައި ދިރާގަށް ވިޔަފާރި ހިންގައިގެން ޖުމްލަ ފައިދާގެ ގޮތުގައި ދިރާގަށް 246.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި ކުއާޓަރު ނިމުނުއިރު ދިރާގަށް ލިބެންހުރި ފައިސާގެ އަދަދު އުޅެނީ 772.2 މިލިއަން ރުފިޔާގައެވެ. މި ކުއާޓަރު ނިމުނުއިރު އެހެން ވިޔަފާރިތަކަށް ދައްކަންޖެހޭ 705.5 މިލިއަން ރުފިޔާ އެބަހުއްޓެވެ.

ދިރާގަކީ ބަހްރެއިންގެ ބަހްރެއިން ޓެލެކޮމިޔުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ 52 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.