މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖޭގެ 80 ކުންފުންޏާއެކު އެމްއެމްޕީއާރުސީ ބައިވެރިވާން ނިންމައިފި އެވެ.

ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ "ޑަބްލިއުޓީއެމް ލަންޑަން" އަކީ ދުނިޔޭގެ އެކި ގައުމުގެ ޓޫރިޒަމް އިޝްތިހާރުކޮށް ކުރިއެރުވުމަށް ކޮންމެ އަހަރަކު ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ފެއާއެކެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއާގައި އެމްއެމްޕީއާރުސީން ބައިވެރި ވާނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއް ހިމެނޭހެން ބޮޑު ވަފުދަކާއެކު އެވެ. މިއީ ކޮވިޑް -19 އަށްފަހު ފެއާއެއްގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މިހާތަނަށް ބައިވެރިވާ އެންމެ ބޮޑު އެއް ޓީމެވެ.

އެމްއެމްޕީއާރުސީއާއެކު މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖޭގެ 80 ކުންފުންޏަކުން 173 ފަރާތަކުން ބައިވެރިވާނެ އެވެ. މިއީ މިދިޔަ އަހަރު މި ފެއާގައި ބައިވެރިވި ފަރާތްތަކާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވެފައި ވަނީ 58 ކުންފުންޏަކުން 92 މީހުންނެވެ.

ލަންޑަންގައި މިދިޔަ އަހަރު އޮތް ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވި ރާއްޖެ ވަފުދު

މިއީ ރާއްޖެއިން ޑަބްލިއުޓީއެމްގައި ބައިވެރިވާ 38 ވަނަ އަހަރެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވިދާޅުވީ މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖޭގެ ޓޫރިޒަމާ ގުޅުންހުރި ވަރަށް މުހިންމު ކަމެއް ލޯންޗް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކަމެއް ކަން އޭނާ ވިދާޅެއްނުވެ އެވެ.

"މި ފެއާގައި ގިނަ ކަންތައްތަކެއް ހިނގަން ރާވާފައިވޭ. މިފަހަރު ސްޓޭންޓުން ދޭތެރެ ދޭތެރެއިން ޕްރެޒެންޓޭޝަން ވެސް ދެވޭ ގޮތައް އަޅުގަނޑުމެން މިހަދަނީ،" ތޮއްޔިބު ވިދާޅުވި އެވެ. "އެތަނުގައި އަޅުގަނޑުމެން ލޯންޗްކުރާނަން ވަރަށް މުހިންމު ކަމެއް. މިއަންނަ އަހަރު އަޅުގަނޑުމެން [އެމްއެމްޕީއާރުސީ] ފައްޓާނެ ވަރަށް މުހިންމު ހަރަކާތެއް."

މިއަހަރުގެ ޑަބްލިއުޓީއެމް ފެއާ އޮންނާނީ މިމަހުގެ 7 ން 9 އަށް އެކްސެލް ލަންޑަންގަ އެވެ.