ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ 5.5 ބިލިއަން ރުފިޔާގެ ތެރެއިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ކުރި މަސައްކަތުން 484.7 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މީރާއިން 478.9 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، 1.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 484،765،776 ރުފިޔާ ވަނީ ހޯދާފަ އެވެ.

ތިން ވަނަ ކުއާޓަރުގެ މާލީ ރިޕޯތުގައި މީރާއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް އެ އިދާރާއިން ހޯދާފައިވާ ގޮތުގެ މައުލޫމާތު ހިމަނާފައިވެ އެވެ. އެގޮތުން ޑަނިންގް މެދުވެރިކޮށް 367.2 މިލިއަން ރުފިޔާ، ޑިއުޒް ކްލިއަރަންސް މެދުވެރިކޮށް 103.3 މިލިއަން ރުފިޔާ، ރިމައިންޑާ ކޯލްސް އަދި އީމެއިލްތައް ކޮށްގެން 13.7 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުނެ އެވެ. އަދި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން 414.9 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ތިންވަނަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 12،685 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 13،600 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ހަވާލުކޮށްފައިވާ ކަމަށް އެ އިދާރައިން ބުނެ އެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 134 ފަރާތަކަށް ހަމަޖައްސާދީފައިވާ ކަމަށް މީރާގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައިވެ އެވެ.

މީރާއިން އާންމުކޮށްފައިވާ ކުއާޓަލީ ރިވިއު ރިޕޯޓްގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލު ވެސް ހިމަނާފައިވެ އެވެ. އެގޮތުން، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމާއަށް 2.1 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ރުފިޔާއަކީ ޖުމްލަ 5.5 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 7.27 ޕަސެންޓް އިތުރު އަދަދެކެވެ.

ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި، ޓެކްސް ނޫން އާމްދަނީން ނުލިބި 2.9 ބިލިއަން ރުފިޔާ ހުރި އިރު، ޖޫރިމަނާގެ ފައިސާއަށް 6.7 ބިލިއަން އަރާފައިވެ އެވެ. މިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

ކޯޓު މެދުވެރިކޮށް ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތުގައި މިއަހަރުގެ 3 ވަނަ ކުއާޓަރުގައި 31 މައްސަލަ ވަނީ މީރާއިން ކޯޓަށް ހުށައަޅާފަ އެވެ. މީގެ ތެރެއިން 11 މައްސަލަ މީރާއާ އެއްކޮޅަށް ނިމިފައިވާއިރު، ފަސް މައްސަލަ ވަނީ މީރާއާ ދެކޮޅަށް ނިމިފަ އެވެ.