ޓޫރިޒަމް އިންޑަސްޓްރީގެ 80 ކުންފުންޏެއްގެ 173 ބައިވެރިންނާއެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2022 ގައި ދިވެހިރާއްޖެ ތަމްސީލްކޮށްފި އެވެ.

ޑަބްލިއުޓީއެމް ހަރަކާތް ކުރިއަށްދަނީ އެކްސެލް ލަންޑަންގައި ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރު ޑަބްލިއުޓީއެމް ލަންޑަނުގައި ރާއްޖޭގެ ވަފުދު ލީޑްކުރައްވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

ޑަބްލިއުޓީއެމް ލަންޑަން އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ޓޫރިޒަމާ ބެހޭ އެންމެ ބޮޑު އެއް ފެއާއެވެ. މި ފެއާއަކީ ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުން އެއްބަޔަކު އަނެއްބަޔަކާ އެއްތަނަކުން ބައްދަލުކޮށް، މަޝްވަރާކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އެއްބަސްވުންތަކަށް އައުމުގެ ފުރުސަތު އެންމެ ފުޅާ ދާއިރާއެއްގާ ފޯރުކޮށްދޭ އެއް ހަރަކާތެވެ.

ޑަބްލިއުޓީއެމްގެ އިންޑަސްޓްރީ ނެޓްވޯކް އަދި ގްލޯބަލް ރީޗްގެ ފުޅާކަމުގެ ސަބަބުން މި ހަރަކާތުގާ ބައިވެރިވާ، އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހިކޮށްދެއެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ ޑަބްލިޔުޓީއެމް ލަންޑަން 2022 މެދުވެރިކޮށް އިނގިރޭސިވިލާތުގެ ޓްރެވަލް ޓްރޭޑާއި ގްލޯބަލް ޕާޓްނަރުންނާ ބައްދަލުކޮށް ރާއްޖެ އާއި ރާއްޖޭގެގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކުރުމެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދު. ފޮޓޯ: އެމްއެމްޕީއާރުސީ

މި ފެއާގައި އެމްއެމްޕީއާރުސީން އިންޑަސްޓްރީ ޕާޓްނަރުންނާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަފާތު ސެގްމަންޓްތަކާއި ރާއްޖޭ ޓޫރިޒަމް ދާއިރާގެ ހާއްސަ ސިފަތަކާއި ސަނީ ސައިޑް އޮފް ލައިފްގެ ހާއްސަ ތަޖުރިބާތަކާއި، ހަރަކާތްތައްތައް، 420 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއްގައި ދައްކަމުން ގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

"ޑަބްލިޔުޓީއެމް ލަންޑަނުގައި އެމްއެމްޕީއާރުސީއިން ބައިވެރިވުން މި އަހަރު އިތުރަށް ޚާއްސަވެގެން ދަނީ، މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭ ރަން ޔޫބިލް އަހަރު ކަމަށްވާތީ. ތިން ދުވަހުގެ މި ހަރަކާތުގެ ތެރެއިން ރާއްޖެއަށް އިނގިރޭސިވިލާތާއި ދުނިޔޭގެ ފެންވަރުގައި އޮތް މަގުބޫލުކަން ދަމެހެއްޓުމުގެ މަޤްސަދުގައި އެމްއެމްޕީއާރުސީން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައި،" އެމްއެމްޕީއާރުސީން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ރާއްޖޭގެ ވަފުދު ޑަބްލިޔުޓީއެމް ލަންޑަން 2022 ގައި ބައިވެރިވުމުގެ އަމާޒަކީ އިނގިރޭސިވިލާތާއި، ދުނިޔޭގެ ޓްރެވަލް ޓްރޭޑާއި އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި މައުލޫމަތު އެ ފަރާތްތަކާ ހިއްސާކުރުމެވެ.

"މި ހަރަކާތަކީ ބޭރުގެ ޓްރެވަލް ޓްރޭޑާއި ނެޓްވޯކްކުރުމުގެ ފުރުސަތު ފަހިވެ، މިހާރު އޮތް ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، މަންޒިލްގެ މަޤުބޫލުކަން ދެމެހެއްޓުމަށާއި، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ޓޮޕް އޮފް ދަ މައިންޑް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ލިބޭ ރަނގަޅު ފުރުސަތެއް. މި އިވެންޓުގެ ސަބަބުން އިންޑަސްޓްރީގެ ބައިވެރިންނަށް އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އިތުރަށް އިޝްތިހާރުކޮށް، ވިޔަފާރީގެ އައު ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ފަހިވާނެ. އަދި އިނގިރޭސިވިލާތާއި ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ޝުއޫރުތައް ދެނެގަތުމަށް ވެސް މިފަދަ ހަރަކާތްތަކުގެ ސަބަބުން ފުރުސަތު ފަހިވޭ،" އެމްއެމްޕީއާރުސީން ބުންޏެވެ.

ޑަބްލިއުޓީއެމް ލަންޑަން 2022 ގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރާ ދުނިޔޭގެ އެކި ގައުމުތަކުގެ މީޑިއާ އޮފިޝަލުންނަށް މަންޒިލާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތައް ފޯރުކޮށްދެނީ ސީއީއޯ އެންޑް އެމްޑީ ތޮއްޔިބް ދެއްވާ އިންޓަވިއުތަކުގެ ތެރެއިންނެވެ. މީގެ އިތުރުން، ރާއްޖޭގެ ސްޓޭންޑްގައި އިންޑަސްޓްރީ ޕާޓްނަރުންނާއި އެމްއެމްޕީއާރުސީގެ އޮފިޝަލުންނަށް މަންޒިލާ ބެހޭ ޕްރެޒެންޓޭޝަންތައް ދިނުމަށް ރާއްޖެއަށް ހާއްސަ 'ރީޑިފައިނިންގ މައިސް' ކޮންސެޕްޓުގެ މައްޗަށް ޑިޒައިންކޮށްފައިވާ ސަރަހައްދެއް ވަނީ ކަނޑައެޅިފައެވެ. ޑަބްލިއުޓީއެމް ލަންޑަން 2022 ގައި ރާއްޖޭގެ ވަފުދުގެ ތެރޭގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. މައުސޫމުގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެ އެވެ.

ރާއްޖޭގެ ސްޓޭންޑްގައި މި އަހަރު އަލަށް 360 ޑިގްރީގެ ކެމެރާ ބޭނުންކޮށް، ރާއްޖޭގެ ރީތި މަންޒަރުތަކާއެކު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. މީގެ މަގުސަދަކީ ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވާޗުއަލްކޮށް، ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. ސްޓޭންޑްގައި ހިންގާ އެހެން ހަރަކާތްތަކުގެ ތެރޭގައި ޕްރެސް ޕެކްތައް ބެހުމާއި، 2023 ވަނަ އަހަރުގެ ޑެސްޓިނޭޝަން ގައިޑް ލޯންޗުކުރުމާއި، ގްލޯބަލް މާކެޓިން މަސައްކަތުގެ ތެރެއިން އަންނަ އަހަރު އެމްއެމްޕީއާރުސީއިން ހިންގުމަށް ރާވާފައިވާ ހާއްސަ ހަރަކާތެއް ލޯންޗުކުރުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

މީގެ އިތުރުން މި ދުވަސްވަރާ ދިމާކޮށް، އިނގިރޭސިވިލާތުގައި ރާއްޖެ ސްޓްރެޓަޖިކަލީ ޕްރޮމޯޓުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެޤައުމުގެ މައި ތިން ސިޓީއެއްގައި ރޯޑްޝޯތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯ ސީރީޒް ކުރިއަށްދާނީ ލަންޑަން، މެންޗެސްޓާ، އަދި ނިއުކާސަލްގައި ނޮވެމްބަރު މަހުގެ 9، 10، އަދި 11 ގައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ ޑަބްލިއުޓީއެމް ލަންޑަންގައި ހުންނަ ރާއްޖޭގެ ސްޓޯލް ފޮޓޯ: އެމްއެމްޕީއާރުސީ

އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓްރެޑިޝަނަލް އެއް ސޯސް މާކެޓަށްވާއިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް 147،535 އެރައިވަލްސްއާއެކު މިއީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން މި އަހަރު ޒިޔާރަތްކުރި މާކެޓެވެ. މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ 1،354،828 ފަތުރުވެރިންނަށް ބަލާއިރު މާކެޓް ހިއްސާގެ 10.9 ޕަސެންޓް އެވެ. އެމްއެމްޕީއާރުސީއިން އަންނަނީ މި މާކެޓަށް އަމާޒުކޮށްގެން މަންޒިލްގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް ގިނަ ހަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތުގެ ބާޒާރުގައި ބާއްވާ ފެއާތަކާއި މައުރަޒުތަކުގައި ބައިވެރިވުން، މާކެޓިންގް ކެމްޕޭންތައް، އަދި ސޯޝަލް އަދި ޑިޖިޓަލް މީޑިއާ މާކެޓިންގް ކެމްޕޭންތައް ހިމެނެއެވެ. އަދި ކުރިއަށް އޮތް މަސްތަކުގައިވެސް މި މާކެޓުގައި މިފަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފަ އެވެ.

މީގެ ތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފަ އެވެ.