"ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ" އެވޯޑު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިއްޖެ އެވެ.

އެ އެވޯޑް ޓީއެމްއޭއަށް ލިބުނީ އޮމާންގެ މަސްކަޓްގައި ރޭ ބޭއްވި 29 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާގަ އެވެ. މި އެވޯޑާ އެ ކުންފުނީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑެޕިއުޓީ މެނޭޖަރު ކޯޕަރޭޓް ސްޓްރެޓެޖީ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު އަލާ އަބްދުލް ހަންނާން އެވެ.

ޓީއެމްއޭއިން ވަނީ 2014 ވަނަ އަހަރުން ފެށިގެން މި އެވޯޑް 8 އަހަރު ހޯދައިފަ އެވެ. އެ އެވޯޑު ނުލިބި ދިޔައީ ހަމައެކަނި 2016 ވަނަ އަހަރު އެވެ.

ޓީއެމްއޭއަކީ 1989 ވަނަ އަހަރު "ހަމިންގްބާޑް އައިލެންޑް ހެލިކޮޕްޓާސް"ގެ ނަމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏެކެވެ. އޭގެ އަށް އަހަރު ފަހުން ސީޕްލޭންގެ ޚިދުމަތް ފަށައި، އެ ކުންފުނީގެ ނަން "ހަމިންގްބާޑް އައިލެންޑް އެއާވޭސް" އަށް ބަދަލުކުރި އެވެ. ހަމައެކަނި ސީޕްލޭން އޮޕަރޭޓްކުރާ ކުންފުންޏަކަށް 1999 ވަނަ އަހަރު ވިޔަފާރި ބަދަލުކޮށް، 2000 ވަނަ އަހަރު އެކުންފުނީގެ ނަން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ނަމަށް ބަދަލުކުރި އެވެ.

ޓީއެމްއޭއަކީ 50 އަށް ވުރެ ގިނަ ސީޕްލޭނާ އެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.

ޓީއެމްއޭއިން އަންނަނީ 1989 ވަނަ އަހަރުން ފެށިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރާއްޖޭގެ 14 އަތޮޅެއްގައި ހިމެނޭ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުތައް ކުރަމުންނެވެ. އެގޮތުން މިހާރު ދުވާލަކު 300 އަށް ވުރެ ގިނަ ދަތުރު އެ ރިސޯޓްތަކަށް އަންނަނީ ކުރަމުންނެވެ.

ޓޫރިޒަމް އަދި ސާވިސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި ދާއިރާތަކުގެ ނަން މަޝްހޫރު ގިނަ ބައެއްގެ ބައިވެރިވުން މި ހަފުލާގައި އޮވެ އެވެ.