މިދިޔަ އޮކްޓޯބަރު މަހު 1.25 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޯބަރަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 28.5 ޕަސަންޓު އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި އޮކްޓޫބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮކްޓޫބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، އެއާޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ ވަނީ އިތުރުވެފަ އެވެ. ނަމަވެސް، ސެޕްޓެމްބަރ 2021 އާއި އަޅައިބަލާއިރު، ސެޕްޓެމްބަރު 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.5 ޕަސަންޓް ދަށްވެފައިވާކަން މީރާއިން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، އޮކްޓޫބަރު 2022 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވެފައި ވަނީ ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް މީރާއިން ފާހަގަކޮށްފައިވެ އެވެ. ހަމައެހެންމެ، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮކްޓޫބަރު މަހުގައި މި ސުންގަޑި އައިސްފައިވުން ކަމުގައި މީރާއިން ބުނެ އެވެ.

އޮކްޓޫބަރު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 57.4 ޕަސެންޓް ނުވަތަ 716.47 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 10.3 ޕަސެންޓް ނުވަތަ 127.97 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 100.51 މިލިއަން ރުފިޔާ 8.1 ޕަސެންޓް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.98 މިލިއަން ރުފިޔާ 5.4 ޕަސެންޓް، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 64.67 މިލިއަން ރުފިޔާ 5.2 ޕަސެންޓް އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 170.71 މިލިއަން ރުފިޔާ 13.7 ޕަސެންޓް ލިބިފައިވެ އެވެ.

އޮކްޓޫބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.57 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.