މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފުރަތަމަ ފަހަރަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ނޫޓެއް ނެރެން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުން ބުނީ އެ ބޭންކުން މިހާރު ބޭނުންކުރަމުންދާ 50 ރުފިޔާގެ ސްޓޮކް މަދުވެގެން، ޗާޕުކޮށްގެން ގެނެސްފައިވާކަމަށެވެ. އަލަށް ގެނައި 50 ރުފިޔާގެ ނޫޓުގެ ދެ ފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާކަމަށް އެ ބޭންކުން ބުންޏެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ 50 ރުފިޔާގެ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކުގައާއި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކު އެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްއެވެ. މި ނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެމްބަރު 2022، 12 ޞަފަރު 1444 އެވެ.

އަލަށް ޗާޕުކޮށްގެން ގެނައި 50 ރުފިޔާގެ ނޫޓު ދައުރުކުރުމަށް ނެރޭނޭ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.