ދިވެހީންގެ މެދުގައި މަގްބޫލު އޮންލައިން ވިޔަފާރި، "ޝެއިން" އިން އަނެއްކާވެސް ރާއްޖެއަށް ހިލޭ ޝިޕިން ކުރަން ފަށައިފި އެވެ.

ރާއްޖެއަށް ފްރީ ޝިޕިން ކުރެވޭ ގޮތަށް ޝެއިން އިން ނިންމާފައިވަނީ ކުރީގެ ވެސް ޕޮލިސީ އާއި އެއްގޮތަށެވެ. އެއީ ކޮންމެ 250 ޑޮލަރުން މަތީގެ އޯޑަރުތަކަށް ފްރީ ޝިޕިން ކޮށްދޭ ގޮތަށެވެ. ކުރިން ޝެއިން އިން ހިލޭ ޝިޕިން ކޮށްދީފައިވަނީ 200 ޑޮލަރުން މަތީގެ އޯޑަރު ތަކަށެވެ.

އަދި ކޮވިޑްގެ ކުރިން 150 ޑޮލަރުން މަތީގެ ވިޔަފާރި ކުރާ ނަމަ ހިލޭ ޝިޕްކޮށްދޭ ގޮތަށް އޮތެވެ.

މިދިޔަ އޮގަސްޓު މަހުން ފެށިގެން ވަނީ ޝިޕިން ފީ ވަރަށް ބޮޑުކޮށްފަ އެވެ. އެގޮތުން އޮންލައިން މެދުވެރިކޮށް ގަންނަ ކޮންމެ އައިޓަމަކުން 30 ޑޮލަރު ޝިޕިން ފީގެ ގޮތުގައި ނަގަން ކަނޑައަޅައިފަ އެވެ. ނަމަވެސް މިހާރު ކުރިއެކޭ އެއްގޮތަށް ޝިޕިން ހިލޭ ލިބޭ ލިމިޓަށް ވުރެ ދަށުން ވިޔަފާރި ކުރާ ނަމަ ކޮންމެ އައިޓަމަކަށް 24 ޑޮލަރު ޗާޖު ކުރާނެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފާސްޓް ފެޝަން ބްރޭންޑު ކަމަށްވާ "ޝެއިން" ގެ އުފެއްދުންތަކުގެ އަގު ހެޔޮވުމުން އެ އުފެއްދުންތަކުގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން އިން ޝެއިން އިން ރާއްޖެއަށް ތަކެތި ގެނެސްގެން ބައެއް ފަރާތްތަކުން ވިޔަފާރި ވެސް ކުރެމުންދެ އެވެ.

ޗައިނާގެ ކްރިސް ޒޫ 2008 ވަނަ އަހަރު އުފެއްދި ވިޔަފާރިއެއް ކަމަށްވާ "ޝެއިން"ގައި އެ ގައުމުގެ 7،000 މުވައްޒަފުން އަދާކުރަމުން އަންނައިރު އެވިޔަފާރީގައި ސްޓޮކްގެ 6 އިންސައްތަ 90 ދުވަހަށް ވުރެން ގިނައިން ނުބަހައްޓަ އެވެ. ދުނިޔޭގެ 150 ގައުމަށް މި ތަކެތި ޝިޕް ކުރެ އެވެ.