2022 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ދެކޮޅު ނުޖެހޭތީ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ފާސްކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ޖަލްސާގައި، އަންނަ އަހަރުގެ ބަޖެޓާ އެކު ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓް ވެސް ކޮމިޓީއިން ފާސްކުރި އެވެ.

އެހެންކަމުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޖުމްލަ މިހާރުވަނީ 42.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓްގައި އެންމެ ބޮޑު ބައެއް ހުށައަޅާފައިވަނީ ތިލަމާލެ ބްރިޖް މަޝްރޫއަށެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 924 މިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަދި އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް 80.4 މިލިއަން ރުފިޔާ؛ ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރު ކުންފުނިތަކަށް ދިނުމަށް 1.1 ބިލިއަން ރުފިޔާ ދިނުމަށްވެސް ސަޕްލިމެންޓްރީ ބަޖެޓުގައި ފާސްކޮށްފައިވެ އެވެ.

ފެނަކައަށް ދޫކުރާ ކަރަންޓުގެ ސަބްސިޑީއަށް 439.7 މިލިއަން ރުފިޔާ؛ ސިފްކޯ ހައުސިން މަޝްރޫއަށް 340.7 މިލިއަން ރުފިޔާ؛ އާސަންދައަށް 906.7 މިލިއަން ރުފިޔާ ކަނޑައެޅުމަށް ވަނީ ފާސްކޮށްފަ އެވެ.