މިހާތަނަށް ރިޕޯޓުކޮށްފައިވާ ސްކޭމް ކޯލްތަކުގެ މައްސަލަތަކުގައި ބީއެމްއެލްގެ މުވައްޒަފެއްގެ އެއްވެސް ބައިވެރިވުމެއް ފާހަގަކުރެވިފައިނުވާކަމަށް އެބޭންކުން ބުނެފި އެވެ.

ބޭންކު އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އޮޅުވާލައިގެން ފައިސާ އަތުލަމުންދާ މައްސަލައިގައި މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ބޭފުޅުން ވިދާޅުވީ ސްކޭމް ކޯލްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ބީއެމްއެލްގެ ޗީފް ކޮމްޕްލައަންސް އޮފިސަރު މަރިޔަމް ހަމީދު ވިދާޅުވީ ސްކޭމް ކޯލްތަކާ ގުޅިގެން ހިންގާ ތަހުޤީގުތަކުގައި މިހާތަނަށް އެބޭންކުގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

"ސްކޭމް ކޯލްއާއި ގުޅިގެން ބަލާނެ ސްޓާފެއްގެ އެއްވެސް އިންވޯލްމަންޓެއް އުޅޭތޯ، ވޭތުވެދިޔަ ހަ ދުވަހުގެ ޑޭޓާ ބަލާނެ. އެކައުންޓަށް ވަނުމުގެ އެކްސެސްއާއި އެއްޗިއްސަކީ ކޮންޓްރޯލްކޮށްފައި ހުންނަ އެއްޗެއް. ބަލަންޖެހޭ އުސޫލުތަކުން ބަލާފައި، އަންގަންޖެހޭ އޮތޯރިޓީސްތަކަށް އަންގާފައި ހުންނާނީ. ސްކޭމެއްގެ ކަމެއްގައި 100 ޕަސަންޓު ޔަޤީންކަން ދެން ސްޓާފެއްގެ އިންވޯލްމަންޓެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އިތުރުން އެހެން ބޭންކުތަކުގެ ކަސްޓަމަރުންނަށް ވެސް އެފަދަ ކޯލްތައް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"5 ލައްކައަށްވުރެ ގިނަ އެކައުންޓު އަޅުގަނޑުމެންގެ އެބައޮތް، އެއްވެސް ދެ ސްކޭމެއްގައެއް އެއް އެކައުންޓު ބޭނުންކޮށްފައެއް ނެތް، މިއީ އޮގަނައިޒްޑު ކްރައިމްތަކެއް މި ހިނގަނީ، ކޮންމެ ފަހަރަކު އިން އެކްޓިވޭޓުކުރީމައި އެ އެކައުންޓު އިންނާނީ އިންއެކްޓިވޭޓުވެފައި، އޮގަނައިޒް ޓީމެއް ހިނގާތީ ވަރަށް ބޮޑު ޓީމެއް އިންވޯލްވޭ، އެ ޓީމުން ބައިވެރިވެގެން ސްކޭމްތައް ހިނގަމުން އަންނަނީ އައު އެކައުންޓުތަކެއް އާ ސިމްތަކެއް ބޭނުންކުރަނީ،" މަރިޔަމް ވިދާޅުވި އެވެ.

ސްކޭމް ކޯލްތަކާއި އަދި މިހޫން ވެސް އެކި މަކަރުވެރި އުޅުތައް ބޭނުން ކޮށްގެން މީހުންގެ އެކައުންޓްގައިވާ ފައިސާ ފޭރޭ މައްސަލަ ރާއްޖޭގައި އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.