އިންޑިއާގެ ޓުޓިކޮރިން ނުވަތަ ސޫތުކުޅި "ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަން" އާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު މި އެސޯސިއޭޝަންގެ ފަރާތުން ރާއްޖެ ވަޑައިގަތް ވަފްދުގައި ރާއްޖޭއަށް ސޫތުކުޅިން އާންމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުގެ ވެރިން ހިމެނޭއިރު އެ ޖަމިއްޔާއަކީ 100 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ޖަމިއްޔާއެކެވެ. އަދި ސޫތުކުޅީގެ އުޅަނދު ފަހަރުތަކަކީ ޒަމާނުންސުރެ ރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުކަން އެމްޕީއެލްއިން ފާހަގަކުރެ އެވެ.

މާދަމާގެ ނިޔަލަށް މި ވަފުދުން ރާއްޖޭގައި އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު އެމްޕިއެލް އިން ބުނީ އެވަފްދުން މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށް، އެމްޕީއެލްގެ ކަމާއި ގުޅޭ ޑިޕާޓްމެންޓަތާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެމްޕީއެލްގެ މެނޭޖްމެންޓާއި އެކުވެސް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އިންޑިއާ ވަފްދުގެ މި ދަތުރުގައި އެމްޕީއެލްގެ ދެ ރީޖަނަލް ޕޯޓް، ކުޅުދުއްފުށީ ޕޯޓާއި ސ. ހިތަދޫ ޕޯޓަށް ޒިޔާރަތް ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި މި ދެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ސަރަހައްދުތަކުގެ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކާއި އެ ސަރަހައްދުގެ ވިޔަފާރިވެރިންނާއި، މަދަނީ ޖަމްއިއްޔާތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަށް ހިމެނޭ ގޮތަށް މި ވަފްދާއި އެކު މަޝްވަރާ ބައްދަލުވުންތައް ބޭވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުނެ އެވެ.