ރާއްޖެއަށް މިދުވަސްވަރު ޖުމްލަ 29 އެއާލައިނަކުން ދަތުރު ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިވަގުތު ދަތުރުކުރަމުން ގެންދާ އެއާލައިންތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިންތަކެއް ވެސް ހިމެނެ އެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައިން މިވަގުތު ރާއްޖެއަށް ދަތުރު ކުރަމުނީ އެމިރޭޓްސް އެއާލައިން އާއި ގަތަރު އެއާވޭސް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި ރާއްޖެ އަށް މިވަގުތު އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދަކީ މެދުއިރުމައްޗާއި ޔޫރަޕެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މަގާމުގައި އޮތް އިންޑިއާ ހިމެނެ އެވެ. އެގޮތުން އެގައުމުގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރެ އެވެ.

ކޮވިޑާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ބޯޑަރުތައް ހުޅުވާފައިވާއިރު، ގިނަ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ކުރާ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 1,421,907 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1,088,170 ރާއްޖެ އައިސްފައިވާއިރު، މިއީ މިއަހަރު އައި ޓޫރިސްޓުންގެ އަދަދާއި އަޅާކިޔާއިރު އިތުރުވުމެކެެވެ.