ދިރާގުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފެށި އެޕްރެންޓިސް ޕްރޮގްރާމްގައި އިތުރު ޒުވާނުންތަކެއް ވަޒީފާގެ މާހައުލަށް ތަމްރީންކޮށްދީ، ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ދިރާގު އެޕްރެންޓިސް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން، ބައިވެރިން އިހުތިޔާރު ކުރާ ދިރާގުގެ އެކިއެކި ދާއިރާތަކުން ތަޖުރިބާ އާއި ތަމްރީނު ލިބޭނެ އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބޭއްވި އެ ޕްރޮގްރާމް 15 ބައިވެރިއަކު ފުރިހަމަކުރި އެވެ. އޭގެ ތެރެއިން ހަތް ބައިވެރިއަކު ދެ ވަނަ އަހަރަކަށް އެޕްރެންޓިސް ޕްރޮގްރާމާ ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. މި އަހަރު ފަށާ އެޕްރެންޓިސް ޕްރޮގްރާމްގައި ވެސް 15 ބައިވެރިއަކު ހިމެނެ އެވެ.

އެ ޕްރޮގްރާމުގެ ދަށުން އިހްތިޔާރުކުރާ ދާއިރާގެ މަސައްކަތްތައް ދިރާގުގެ މުވައްޒަފުންނެކޭ އެއްފަދައިން، އެއް ޒިންމާއެއް އަދާކުރަމުން ތަޖުރިބާ ހާސިލްކުރެވޭނެ އެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް ކޮންމެ މަހަކު އެލަވެންސެއް ލިބެ އެވެ.

އެ ޕްރޮގްރާމަށް 13 އަހަރު ވެފާވާއިރު، މިހާތަނަށް 247 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.

މި ޕްރޮގްރާމް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދާއިރު، ޖީސީ އޭލެވެލް ނިންމާފައި ތިބި 18 އަހަރާއި 25 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވެވޭނެ އެވެ.