އަންނަ އަހަރުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 50 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެކަމަށް ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ)އިން ބުނި ނަމަވެސް، އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާ (ޓީމް)އިން ބުނެފި އެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 18 ޕަސެންޓަށް ބޮޑުކުރަން ނިންމައި އެ ބިލު ފާސްކޮށް މިހާރު ވަނީ ތަސްދީގުވެސް ކޮށްފަ އެވެ.

މިކަމާއި ގުޅިގެން މަޓާޓޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި ވެސް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ގެއްލުންވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، މަޖިލީހުން އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

އެކަމަށް ރައްދުދީ ޓީމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރިޔަސް މަޓާޓޯއިން ބުނެފައިވާ ގޮތަށް ބުކިންތައް ކެންސަލްވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މުވައްޒަފުންގެ ސާވިސް ޗާޖު ގެއްލޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ޓީމްއިން ބުނެ އެވެ.

"ނަމަވެސް މި ބަދަލާ ގުޅިގެން، ޓުއާ އެޖެންޓުންނާއި ޓޫރިސްޓު އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ގަބޫލުކުރަމެވެ." ޓީމުން ބުންޏެވެ.

ޓީމުން ބުނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި އިގްތިސޯދީ ހާލަތު ރަނގަޅުކޮށް އަދި މުވައްޒަފުންގެ މުސާރަ އިތުރުކުރުމަށް، ވިޔަފާރިތަކުން ޓެކްސް ނެގުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ޓޫރިސްޓޫންގެ އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ހަމަ އެހެންމެ އާމްދަނީއިން ނެގޭ ޓެކްސް (އިންކަމް ޓެކްސް) ޕްރޮގްރެސިވްކޮށް ކޮންމެހެން އިތުރުކުރުމަކީ މުޅި ގައުމުގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި އަދި މާ މުހިންމު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.