މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ވަގުތީ ފިއުލް ފާމް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން އައިލެންށް އޭވިއޭޝަނުން ބުނީ އެއާޕޯޓްގައި ތަރައްގީ ކުރާ 400،000 ލީޓަރު ރައްކާ ކުރެވޭ ވަގުތީ ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިފިއުލް ފާމްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މާފަރު އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓު ޖެޓް ޖައްސާ އެއާޕޯޓަކަށްވުމުން، އެ އެއާޕޯޓުން ތެޔޮ ނުލިބޭތީ އެ ޝަކުވާ ޖެޓް އޮޕަރޭޓަރުންގެ ފަރާތުން ކުރެ އެވެ. އަދި ވަގުތީ ފިއުލް ފާމާއެކު އެކަމަށް ހައްލު ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށް އައިލެންޑް އޭވިއޭޝަނުން ގެންގުޅޭ ޕްލޭންގެ ދަށުން އެ އެއާޕޯޓުގައި ސައިޒުގެ ގޮތުން މިއަށް ވުރެ ބޮޑު ފިއުލް ފާމެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.