މިދިޔަ ނޮވެމްބަރު މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 20.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ނޮވެންބަރު 2022 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 43.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ ނޮވެމްބަރު މަހު ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަށް އެކްސްޓެންޝަން ފީ، އިންކަމް ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕާޗާ ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އެގޮތުން، އެއާޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އަދި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، މިދިޔަ އޮކްޓޫބަރު ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.2 ޕަސެންޓް އިތުރުވުމުން މިިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން، ކުރީގެ މުއްދަތުތަކަށް ނުލިބިވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުމުމަކީ ވެސް އާމްދަނީ އިތުރު ވުމުގެ ސަބަބެއް ކަމުގައި މީރާއިން ބުންޏެވެ.

މީރާއިން ބުނިގޮތުގައި، މިދިޔަ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ ނޮވެމްބަރު މަހު ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ މިދިޔަ އަހަރުގެ ނޮވެމްބަރ ގައި ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 52.3 ޕަސެންޓް ނުވަތަ 787.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެއީ 15.3 ޕަސެންޓް ނުވަތަ 230.35 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 145.34 މިލިއަން ރުފިޔާ (9.6 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 76.29 މިލިއަން ރުފިޔާ (5.1 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.36 މިލިއަން ރުފިޔާ (4.9 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 193.85 މިލިއަން ރުފިޔާ (12.9 ޕަސެންޓް) ލިބިފައިވެ އެވެ.

ނޮވެންބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.68 މިލިއަން ޑޮލަރު ހިމެނެ އެވެ.