ޖީއެސްޓީގެ ރޭޓުތަކަށް ބަދަލު އަންނާތީ ވިޔަފާރިވެރިން އަހުލުވެރިކުރުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

އަންނަ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަސްދީގުކުރައްވާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

މީރާއިން އަންނަނީ އަތޮޅުތަކުގެ ވިޔަފާރިތަކަށް ޖީއެސްޓީ ނަގާ ރޭޓު ބަދަލުވުމާއި ގުޅިގެން މައުލޫމާތު ދިނުމާއި ޓެކުހާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި ވެސް ރާއްޖޭގެ 5 ރަށެއްގައި ހޭލުންތެރިކުރުވުމުގެ ސެޝަންތައް ބާއްވާނެ ކަމަށް މީރާއިން ބުނެ އެވެ. އެއީ ގދ. މާމެންދޫ، ފ. ބިލެއްފަހި، އދ. ދަނގެތީ. ނ. ވެލިދޫ އަދި މ. މުލި އެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ޓެކްސް ރޭޓަށް އަންނަ ބަދަލުތަކާއި، މިއާއި ގުޅިގެން ވިޔަފާރިތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް މީރާއިން ބުނެދޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި އިސްލާހުގައި ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓް އިން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓް އިން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ. މި އިސްލާހު ގާނޫނަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަުރ އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.