މި އަހަރު ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި ޓާގެޓަށް މާދަމާ ހާސިލުވާނެ ކަމަށް މޯލްޑްވިސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނެފި އެވެ.

އެމްއެމްޕީއާރުސީން ބުނީ 1.6 މިލއަން ޓޫރިސްޓު މާދަމާ ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ. މިއީ މިއަހަރު ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް ކަނޑައަޅާފައިވާ ޓާގެޓެވެ.

1.6 ވަނަ މިލިއަން ޓޫރިސްޓް ރާއްޖެ އަށް އަންނާނެ ކަމަށް ބެލެވެނީ މާދަމާ މެންދުރު ނުވަތަ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އަދި އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެމްއެމްޕީއާރުސީއާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ތައްޔާރީތައްވަމުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،590،379 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5685 ފަތުރުވެރިން އާދެ އެވެ.