ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ނޫވިލު ސީޕްލޭން ޓާމިނަލަށް ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑްސް އޮފް އިންޖިނިއަރިން ނިއުސް ރެކޯޑް (އީއެންއާރް) ލިބިއްޖެ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލަށް އެވޯޑް ލިބުނީ މެރިޓް އޮފް އެއާޕޯޓް/ ޕޯޓް ކެޓަގަރީންނެވެ.

"ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް" އަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހިންގާފައިވާ މަޝްރޫއުތަށް ފާހަގަކޮށް، އިންޖިނިއަރިން ނިއުސް ރެކޯޑް، އީއެންއާރްއިން ދޭ ބައިނަލްއަގްވާމީ އެވޯޑެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ ނޫވިލު ޓާމިނަލްއަށް މިއެވޯޑް ލިބިފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުގެ 18 ގައުމެއްގައި ހިންގާފައިވާ 34 ޕްރޮޖެކްޓްއަކާ ވާދަކޮށްގެންނެވެ.

މިއެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްއިން އޮންލައިންކޮށް ބައިވެރިވެފައިވާއިރު، އިންޖިނިއަރިން ނިއުސް ރެކޯޑް، އީއެންއާރްއިން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި، މަސައްކަތްތެރިންގެ ދަތިކަމަށް ދިމާވެފައިވާ ހުރަސްތަކުން އަރައިގަނެ، އެކަންކަން ހައްލުކުރުމަށް އެމްއޭސީއެލްއިން ކުރާ މަސައްކަތްތައް ފާހަގަކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ ނޫވިލު ސީޕްލޭން ޓާމިނަލަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް އެވެ.

ކުރީގެ ސަރުކާރުން ހުޅުލޭ ފަޅުން ބިން ހިއްކައިގެން ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.

އެމްއޭސީއެލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރި މި ޓާމިނަލްގައި ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.