ސަރުކާރުން މިއަދުން ފެށިގެން ބޮޑު ކޮށްފައިވާ ޓެކުހާއި ގުޅިގެން ދިމާވާނެ އެންމެ ބޮޑު ދައްޗަކީ އިންފްލޭޝަން ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މި ފެށުުނު އައު އަހަރުގެ ތަހުނިޔާ ދަންނަވައި، ރޭގެ ވަގުތެއްގައި، އެމަނިކުފާނު މީސްމީޑިއާ އެކައުންޓްތަކުން ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ އިންފްލޭޝަންގެ ސަބަބުން ތަކެތީގެ އަގު ބޮޑުވާނެ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މި އަހަރަކީ އުއްމީދާއި ގޮންޖެހުންތަކުން ފުރިގެންވާ އަހަރެކެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވުން އިތުރުވަމުން އަންނަކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވަނީ މިއަހަރަކީ، ދިވެހީންނަށް ކަންކަން ބަދަލު ކުރެވޭނެ އަހަރަަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިސަރުކާރުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑު ކުރުމަށް ހުށައެޅުމުން ރައީސް ނަޝީދު އެކަމާ ދެކޮޅު ހެއްދެވި އެވެ. އަދި އެ ބިލު އަނބުރާ ގެންދިއުމަށްވެސް ގޮވާލެއްވި އެވެ.