އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ މިއަދުން ފެށިގެން ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ "ސަވާރީ ޕޭ" މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ކުރިން އެ ފީތައް ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. ނަމަވެސް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން މީރާއިން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއަދު ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ އާއި ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ވެހިކަލެއް ނިސްބަތްވާ ކައުންސިލަކުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި ސިޔާސަތުގެ ދަށުން އަހަރީ ފީ ކައުންސިލްތަކުން ބަލައިގަންނައިރު، ކައުންސިލްތަކަށް އިތުރު އާމްދަނީއެއް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.