މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯކް މާލޭގެ ބޮޑު ސަރަހައްދަކަށް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ 5ޖީ ތައާރަފްކުރި ތަންތަނުގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމު ސަރަހައްދުތައް ހިމަނާފައިވާ ކަމަށެވެ. އަދި 5ޖީ ނެޓްވޯކް އިފްތިތާހު ކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި އުރީދޫ މޯލްޑިވްސް ވަނީ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ 10 ގުނަ އިތުރު ސްޕީޑާއެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފް ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫން 5ޖީގެ ހިދުމަތް ތައާރަފްކުރީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަދި އިކޮނޮމިކް ޑެވެލޮޕްމަންޓް، މިނިސްޓަރު ފައްޔާާޒް އިސްމާއިލް އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު، އުރީދޫ މޯލްޑިވްސްގެ ޗެއާމަން، އެންޑުރޫ ކުވެލްސެތް، ސީއީއޯ، ނަޖީބު ޙާން އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރުން، އަދި ލީޑަރޝިޕް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވުނު ޚާއްސަ ވާޗުއަލް ހަފްލާއެއްގަ އެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ 5ޖީ ޓެކްނޮލޮޖީއަކީ މުޅިދުނިޔެ ބެލިޔަސް އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކެއް ހުރިހާ ދާއިރާއަކަށް ވެސް ލިބިދިނުމުގެ ގާބިލްކަން ހުރި ޓެކްނޮލޮޖީއެއްކަން ދަނީ ސާބިތު ކޮށްދެމުން އަންނަ ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދީ، އިޖްތިމާއީ ކުރިއެރުމަށް އިންޓަނެޓްގެ ޚިދުމަތުގެ މުހިންމުކަން މިއަދު މިވަނީ އެތައް ގުނައަކަށް އިތުރުވެފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކު ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ޖަމާލް ވާހަކަދައްކަވަނީ ފޮޓޯ: އުރީދޫ

"5ޖީ ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަވެ މުޖުތަމައަށް ބޮޑެތި ހައްލުތައް ލިބިގެންދާނެކަމީ ޝައްކެއް ނެތް ކަމެއް. ޑިޖިޓަލް މޯލްޑިވްސް އެއް ގާއިމުކޮށް ވަރުގަދަ ނެޓްވޯކްއަކާއެކު އައު އީޖާދީ ޓެކްނޯލޮޖީ އާއި ދިވެހިން ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް އަދި ސްޓާފުން މެދުކެޑުމެއްނެތި ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަން،" މަލީހް ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ވިދާޅުވީ ފާއިތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ވެސް ޑިޖިޓަލް ޒަރީއާތަކަށް ބަރޯސާވެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ފެނިފައިވާ ކަމަށެވެ.

"ދުނިޔެއަށް ކުރިމަތިވި ޕެންޑަމިކްއާ ގުޅިގެން ދިމާވި ދަތިތަކާއެކު ވެސް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކޮށްފައިވަނީ 5ޖީ ގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުން އެއީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކިގެން. މުޖުތަމައުތަކުގެ ދިރިއުޅުމުގެ އައު ވައްޓަފާޅިއަށް ބިނާކޮށް ޑިޖިޓަލް ކޮށް ގުޅިފައިވާ މުޖުތަމައު އެއް އުފެއްދުމަކީ މިވަގުތަށް އެންމެ މުހިންމުކަމެއްކަމުގައިދެކިގެން. ހަމަ އެޔާއެކު 5ޖީގެ ހަލުވި ސްޕީޑް ގިނަބަޔަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިއަދު އަޅުގަނޑުމެން މިވަނީ 5ޖީ އެއާފައިބާ މާލޭގެ ގިނަ ހިސާބުތަކަކަށް ތައާރަފްކުރެވިފައި،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތާއެކު ފައިބާ އޮޕްޓިކް މެދުވެރިކޮށް އިނަޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލެއްލިބި ވައިގެ ޒަރިއްޔާއިން އެތަށް ގުނައަކަށް އިތުރު ސްޕީޑާއެކު ފުރިހަމަ އިންޓަނެޓްގެ ފައިދާތައް މުޖުތަމައަށް ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އެ ކުންފުނިން ކުރާ މަސައްކަތުގައި ދެމި ތިބެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް 5ޖީގެ ހިދުމަތް ފޯރުކޮށްދީ އާ ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ވެސް ކުރަމުންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ނަޖީބު ވިދާޅުވި އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކު ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ސީއީއޯ ނަޖީބު ޚާން ވާހަކަދައްކަވަނީ ފޮޓޯ: އުރީދޫ

އުރީދޫން ބުނީ 5ޖީޓެ ޓެކްނޮލޮޖީއާ އެކު ލިބޭ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓްރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވާނެ ކަމަށެވެ. އަދި އެކުރިއެރުމާއެކު، ޑްރައިވަރުންނާ ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވާކުރުން ފަދަ އީޖާދީ ޚިދުމަތްތަކާއި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައިއޯޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޕްރީޕެއިޑް އާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް 5ޖީ ފޯރުކޮށްދޭއިރު، މާލޭގެ ބޮޑު ސަރަހައްދަކުން، 5ޖީ ޑިވައިސްތައް މެދުވެރިކޮށް މި ހިދުމަތް ލިބޭނެ އެވެ. ރަސްމީކޮށް ޚިދުމަތްދޭން ފެށުމަށް ފަހު، އަދިވެސް އިތުރު ޑިވައިސްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް، ދުނިޔޭގެ އެކި އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ 5ޖީ ފޯރުކޮށްދޭ ސަރަހައްދުތަކުގެ ޗާޓު، ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

އުރީދޫން ބުނީ މޯބައިލް 5ޖީ ގެ އިތުރުން، މާލޭގެ ކަސްޓަމަރުންނަށް 5ޖީ އެއާ ފައިބާ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް، 5ޖީ އެންމެ ހަލުވިކަމާއެކު ތަޖުރިބާކޮށްލެވޭނެ ކަމަށެވެ. އަދި އެ ޚިދުމަތް ވެގެންދާނީ، މުޖުތަމައުގެ ވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް އުފާވެރި ހަބަރަކަށް ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ހާއްސަކޮށް، ދުރު ރަށްތަކާއި ގޭގައި މަސައްކަތް ކުރިޔަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ. 5ޖީ ޚިދުމަތް ލިބޭ ސަރަހައްދެއްތޯ ބެއްލެވުމަށް ފަހު، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް 5ޖީ އެއާ ފައިބާ ޑިވައިސް، ޕްރީބުކް ކުރެއްވޭނެ އެވެ. ކަސްޓަމަރުންނަށް 5ޖީ ތަޖުރިބާކޮށްލެވޭގޮތަށް، ވީއާރް ކެފޭ އާއި އުރީދޫ ކްލަބް ޕްރެމިއާ ލައުންޖްގައި އެކްސްޕީރިއަންސް ޒޯންތަކެއް ވަނީ ހުޅުވާލާފައި،" އެ ކުންފުނިން ބުންޏެވެ.

އުރީދޫން 5ޖީ ނެޓްވޯކް، މުޅިން އަލަށް ގަތަރުގައި ތައާރަފް ކުރީ 2018ގަ އެވެ.

ޑިޖިޓަލް ޚިދުމަތްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ތައާރަފްކުރުމަށް، ދެކުނު އޭޝިޔާ، އެރޭބިއަން ގަލްފް އަދި އުތުރު އެފްރިކާގައި އިންވެސްޓްމަންޓްތަކެއް އެ ކުންފުނިން ވަނީ ކޮށްފަ އެވެ. ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި ދެމިތިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.