ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުވަ ކްރޫޒް ލައިނާއަކުން 12،000 އަށްވުރެ ގިނަ ޓޫރިސްޓުންގެ މިސްރާބު ރާއްޖެއަށް ޖަހާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ކުރޫޒް ލައިނާތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ ކްރޫޒް ލައިނާތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފަ އެވެ. މި ކްރޫޒް ލައިނާތައް ރާއްޖެއަށް އަންނަން ފެށީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށެވެ.

މާޔާއިން ބުނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން، ކްރޫޒް ވިޔަފާރި ހުއްޓުމަކަށް އައުމަށްފަހު، މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން، މިއަހަރު ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް ރާއްޖެއަށް އައުމަށް ރާވާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މާޔާއިން ބުނީ މިހާތަނަށް ނުވަ ކްރޫޒް ލައިނާއަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކްރޫޒް ލައިނާތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނާތަކަށް ވުރެ ބޮޑު ކްރޫޒް ލައިނާތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެގޮތުން 2،826 މީހުންގެ ޖާގައިގެ ކްރޫޒް ލައިނާއަކާއި 2،050 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް މާޔާ އިން ބުނެ އެވެ.

އޭގެ އިތުރުން 1،000 އާއި 1،500 މީހުންގެ ޖާގައިގެ ހަތަރު ކްރޫޒް ލައިނާއެއްގެ އިތުރުން، 300 އާއި 700 މީހުންގެ ޖާގައިގެ 3 ކްރޫޒް ލައިނާއެއް ވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މާޔާއިން ބުނެ އެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި އެ ކްރޫޒްލައިންތަކުގެ ޖާގައަަށް ބާލާއިރު ރާއްޖެއަށް އަންނާނެ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 12،000 އަށް އަރަ އެވެ.

ކޮވިޑާ ގުޅިގެން ބަންދުކުރި ބޯޑަރު ހުޅުވާލުމަށްފަހު، ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ކްރޫޒްލައިނާ އައިސްފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. 420 ޓޫރިސްޓުންނާއެކު އެ ކްރޫޒްލައިނާ ރާއްޖެއަށް އައިސްފައި ވަނީ ޖަރުމަންގެ ޕޯޓަކުންނެވެ.

މާޔާއިން ބުނިގޮތުގައި، މިދިޔަ ޑިސެންބަރުމަހު ރާއްޖެއަށް ހަތަރު ކްރޫޒްލައިނާއެއް އައިސްފައިވެ އެވެ.