މި އަހަރުގެ ފުރަތަމަ ހަފުތާގައި އެކަނި ވެސް 143 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 143،903،122 ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ.

މި އަހަރުގެ ފުރަތަމަ ހަފުތާގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތަފްސީލު:

  • ބިޒްނަސް ޕްރޮފިޓް ޓެކްސް: 12،042،994 ރުފިޔާ
  • ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް: 1،110،338 ރުފިޔާ
  • ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ: 15،920،615 ރުފިޔާ
  • ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީއެސްޓީ: 13،730،978 ރުފިޔާ
  • ގްރީން ޓެކްސް: 12،845،052 ރުފިޔާ
  • އެއާޕޯޓް ސާވިސް ޗާޖު: 8،161،133 ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 8،318،119 ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓް: 56،41،758 ރުފިޔާ
  • އެހެނިހެން ޓެކުހާއި ފީތައް: 15،362،136 ރުފިޔާ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 6 ވަނަ އިސްލާހުގެ ދަށުން، މިމަހުގެ އެކަކުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީޖީއެސްޓީ ރޭޓް %12 އިން %16 އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ނުވަތަ ޖީއެސްޓީ ރޭޓް %6 އިން %8 އަށް ވަނީ ބޮޑުކޮށްފަ އެވެ.

ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ވިޔަފާރިތަކުން ބަދަލުތައް ގެންނަންޖެހޭ ގޮތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މީރާއިން ވަނީ މާލެއާއި އަދި އަތޮޅުތަކުގައި ފަށައިފަ އެވެ.

މީރާއިން ބުނީ ވިޔަފާރިތަކުން ވެސް ޖީއެސްޓީގެ ރޭޓަށް ބޮޑުކުރުމާ ގުޅޭގޮތުން ސާފުކުރަން ބޭނުންވާ ކަމެއް އޮތްނަމަ މީރާއަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި މީރާގެ ވެބްސައިޓުން ވެސް މިކަމާ ގުޅޭ މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.