މިދިޔަ ޑިސެންބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.58 ބިލިއަން ރުފިޔާ ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީއަކީ 2021 އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 27.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޑިސެންބަރު 2022 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 77.0 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނިގޮތުގައި، ޑިސެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޑިސެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، ޓީޖީއެސް.ޓީ އަދި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިން ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.

އެ އިދާރާއިން ބުނިގޮތުގައި ޑިސެންބަރު މަހުގެ ޖުމުލަ އާމްދަނީގެ ބޮޑު ޕަސެންޓެއް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ހިއްސާކުރެ އެވެ.

"ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން، 99 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީގެ ރޭޓު 26 ޑިސެންބަރު 2022 ގެ ފަހުން އިތުރުކުރުމަށް ކަނޑައެޅިފައިވޭ. އެހެންކަމުން، ގިނަ ރިޒޯޓުތަކުން ސުންގަޑިއަށް ފައިސާ ދައްކާފައިވުމުން، މީރާއަށް ބަލައިގަތް އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައި،" މީރާއިން ބުންޏެވެ.

މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވެފައިވާ ސަބަބަކީ ޓީޖީއެސްޓީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމުގައި މީރާއިން ބުނެ އެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 57.5 މިލިއަން ޑޮލަރު ލިބިފައިވުމާއެކު އަންދާޒާ ކުރި އާމްދަނީއަށް ވުރެ، ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެ އެވެ.

އެ އޮތޯރިޓީން ބުނީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއަކީ ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންވާ މުއްދަތަކަށް ދައްކަން އޮންނަ ފީއަކަށް ވުމާއެކު، އަންދާޒާކުރާ އާމްދަނީގައި މި ފީއެއް ނުހިމެނޭ ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 34.2 ޕަސެންޓް ނުވަތަ 882.35 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ އެވެ. އެއީ 34.1 ޕަސެންޓް ނުވަތަ 882.03 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 359.53 މިލިއަން ރުފިޔާ (13.9 ޕަސެންޓް)، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 130.44 މިލިއަން ރުފިޔާ (5.1 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 75.75 މިލިއަން ރުފިޔާ (2.9 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 252.99 މިލިއަން ރުފިޔާ (9.8 ޕަސެންޓް) ލިބިފައިވެ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 135 މިލިއަން ޑޮލަރު ހިމެނެ އެވެ.