ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ފްލައިޓް ޖައްސައި، ފުރި ދުވަހަކަށް ރެކޯޑް ކުރެވިފައިވަނީ މިދިޔަ ހޮނިހިރު ދުވަސް ކަމަށާއި މިއީ މިހާތަނަށް އެއާޕޯޓްގައި އެންމެ ގިނަ މޫވްމަންޓް ރެކޯޑްކުރެވުނު ދުވަސް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން ބުނީ މިދިޔަ ހޮނިހިރު ދިވަހު ވީއައިއޭގައި 856 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 102 އިންޓަނޭޝަނަލް މޫވްމަންޓާއި 114 އެތެރޭގެ އުދުހުންތައް ހިމެނޭ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އަދި ޕްރައިވެޓް ޖެޓުތައް ހިމެނޭ ޖެނެރަލް އޭވިއޭޝަންގެ 35 މޫވްމަންޓަކާއި ސީޕްލޭންގެ 605 މޫވްމަންޓެއް ހިމެނޭ ކަމަށް ވެސް އެކުންފުނިން ހާމަކުރެ އެވެ.

މީގެ ކުރިން މި ރެކޯޑް ހަދާފައިވަނީ މިދިޔަ މަހުގެ 22 ގަ އެވެ. އެ ދުވަހު ވީއައިއޭގައި 228 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑުކުރެވިފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ވީއައިއޭ އެންމެ ބިޒީ ދުވަސްވަރެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު އާ ރަންވޭ ހުޅުވުމާ އެކު ރާއްޖެއަށް އަންނަ ފްލައިޓްތައް ވަނީ އިތުރުވެފަ އެވެ. އާ އެއާލައިންތަކުގެ އިތުރުން ސީޒަނާ ދިމާކޮށް އުދުހޭ އެއާލައިންތައް ރާއްޖެއަށް ދަތުރުކުރާ ވަރު އިތުރުވެފައި ވާއިރު، އާންމުކޮށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާ އެއާލައިންތަކުގެ ދަތުރުތައް ވެސް އިތުރެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 33 އެއާލައިނަކުން ރާއްޖެއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރެ އެވެ.

މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި މަހުޖަނުން އެ މީހުންގެ އަމިއްލަ ޖެޓުތަކުގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އާދެ އެވެ.