ޓެކްސް ރޭޓަށް އައި ބަދަލާ ގުޅިގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ)އިން "ކޮބާ ރަސީދު" ގެ ނަމުގައި ޓެކުހަށް ހޭލުންތެރިކުރުމުގެ ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މީރާއިން ބުނީ މި ކެންޕެއިންގެ ބޭނުމަކީ ޖީއެސްޓީގެ ރޭޓަށް އައިސްފައިވާ ބަދަލާގުޅިގެން ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުން ގެންދަނީ ރަގަޅަށްތޯ ބެލުމުގެ އިތުރުން،ވިޔަފާރިތަކުން ރަސީދު ދޫކުރުމަށް އަދި ވިޔަފާރިކުރާ ފަރާތްތަކުން ރަސީދު ހޯދުމަށް ބާރުއެޅުން ކަމަށެވެ.

މިއަދުން ފެށިގެން އަންނަ އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިންގައި ފައިސާގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުންޏެވެ. އެ ގޮތުން މި ކެމްޕޭންގައި ބައިވެރިވެގެން ޖުމުލަ 36,000 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މިއަދުން ފެށިގެން މުދާ ވިއްކާ ވިޔަފާރިތަކުންނާއި، ޚިދުމަތް ދޭ ތަންތަނުން ދޫކުރާ ރަސީދުތައް ހޯދައި، ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބާ ނަންބަރު 7291415 އަށް ވައިބާކޮށްގެން ކޮންމެ ފަރާތަކަށް ވެސް މި ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށް މީރާއިން ބުނެ އެވެ.

މި މުބާރާތް ކުރިއަށް ގެންދާ ކޮންމެ މަހަކު، އެ މަހެއްގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެޕްރީލް 15ގެ ނިޔަލަށް އެންމެ ގިނަ ތަންތަނުން އެންމެ ގިނަ ޢަދަދަކަށް ރަސީދު ހުށަހަޅަފައިވާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެ އެވެ.