ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައި މިންވަރަށް މިއަހަރު ޗައިނާ ޓޫރިސްޓުން ނައިސްދާނެ ކަމަށް މިނިސްޓަރު ޑރ. މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން 2019 ގައި ޗައިނާ އިން 280،000 އެއްހާ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ކޮވިޑާ ހެދި ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް އައި ޗައިނާ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ވެލާނާ އެއާޕޯޓުގައި މިއަދު މެންދުރު ބޭއްވި ކުޑަ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ބޮޑު މެދުކެނޑުމަކަށް ފަހު ޗައިނާ ޓޫރިސްޓުން އަލުން އަންނަން ފެށިއިރު، މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން އަންނަ މިންވަރު މިއަހަރުގެ ތެރޭގައި ފެންނާނެ ކަމަށެވެ.

ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓުން އައި ޓޫރިސްޓުންނަށް ޓޫރިޒަމް މިނިސްޓަރާއި އިސްވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

"އެ ވަރު (2019 ވަނަ އަހަރު) މިއަހަރު ނަޔަސް، އަޅުގަނޑުމެން މި ބަލަނީ އެއް ލައްކައިން މައްޗަށް ޖައްސާލެވޭނެ. އެހެންވެއްޖެނަމަ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ބޮޑު މާކެޓު ތިން އަހަރު ވަންދެން އަޅުގަނޑުމެންނާ ދުރުގައި ތިބެފައި މިއަދު އަލަށް ރަސްމީ ސިފައެއްގައި މި އައީ. ވަރަށް އުފާކުރަން."

ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓުން އައި ޓޫރިސްޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފިނިފެން މަލުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

މިނިސްޓަރު ވިދާޅުވީ ޗައިނާ ޓޫރިސްޓުން ރާއްޖެ އައުމަށް ކެތް މަދުވެފައި ތިބި ފަދައިން، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ވެސް އޮތީ ޗައިނާ ޓޫރިސްޓުން ގެނައުމަށް ތައްޔާރަށް ކަމަށެވެ.

"ޗައިނާ މާކެޓަކީ ރާއްޖޭގެ ޕްރޮޑަކްޓާ ވަރަށް ރައްޓެހި މާކެޓެއް. ޗައިނާ މީހުން އެދޭ ކަހަލަ ޕްރޮޑަކްޓެއް ރާއްޖޭގައި އެބައޮތް. އެ މީހުން ކެތްމަދުވެފައި މި ތިބީ، މި ތިން އަހަރު [ރާއްޖެ އައުމަށް]،" މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ބޯކޮށް ޗައިނާ ފަތުރުވެރިން މިއަހަރު އަންނާނެ ކަމަށް މި ބަލަނީ."

ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓުން އައި ޓޫރިސްޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފިނިފެން މަލުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

ޗައިނާ ޓޫރިސްޓުން ގޮވައިގެން އައި އެ ގައުމުގެ ކެޕިޓަލް އެއާލައިންސްގެ ފްލައިޓު މިއަދު ޖެއްސީ މެންދުރު 12:45 ހާއިރު އެވެ. ވީއައިއޭއިން އެ ބޯޓަށް މަރުހަބާ ކީ ވޯޓަ ސެލިއުޓަކުންނެވެ. އަދި ބޯޓުން ފޭބި ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ފިނިފެންމާ ވަނީ ދީފަ އެވެ.